ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށްވާ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ނެގުމަށް އެ މައްސަލައިގެ ހުކުމުގައި ނުހިމެނި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު 'ވަން' އަށް މިއަދު ވިދާޅުވީ، އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ، މި މަހުގެ ހަތްވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީން ލޯންޑާ ކުރެއްވި ކަމަށް ސާބިތުވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބިފައިވާ މަންފާއެވެ.

ޝަފީއު ވިދާޅުވީ، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އެ ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް ޕީޖީ އޮފީހުން އެދިފައިވާނެ ކަމަށެވެ.

"ނަމަވެސް މައްސަލަ ސާބިތުވާ ކަމަށް ނިންމަވައި ހުކުމްކުރެއްވިއިރު އެ ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައި ނުވޭ، އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީ ގޮތް ސާފުކޮށްދެއްވުމަށް އެދުމުން 'ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން' ގެ އަމުރެއް އެ ކޯޓުން ނެރުއްވާފައިވޭ. އަދި އިސްވެ ދެންނެވި އަމުރު ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު ކުރުމުން އެ އަމުރު ބާތިލު ކަމަށް ކަނޑައަޅުއްވާފައިވޭ،" ޝަފީއު ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.

އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.