ކްލަބު ވެލެންސިއާގައި މިވަގުތު ގިނައީ ސްކޫލް ކުދިން ކަމަށާއި، ލީގުގެ ތެރެއިން އޯލެވެލް އިމްތިހާނާއި، ސްކޫލްތަކުގެ އެތުލެޓިކްސް މުބާރާތް އައުމުން ޓީމަށް އޭގެ އަސަރުކުރާ ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ވެލެންސިއާ މިފަހަރުގެ ސީޒަނަށް ނުކުންނަން ޖެހުނީ ދަތި ހާލަތެއްގައި އޮވެގެންނެވެ. މިދިޔަ ސީޒަނުގެ މުސާރައިގެ މައްސަލަތަކެއްވެސް ކްލަބަށް ދިމާވެފައި އޮތުމުން އަލަށް ގެންދިޔަ ކުޅުންތެރިންނަށް އަދިވެސް ޓީމަށް ރަޖިސްޓްރީ ވެވިފައިނުވާ އިރު، ބޮޑަށް ސީނިއާ ޓީމުގައިވެސް ބޭނުންކުރަމުން އަންނަނީ ޔޫތު ޓީމުގެ ކުޅުންތެރިންނެވެ. ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ޓީސީ ކައިރިން 2-0 އިން ބަލިވެފައި އޮވެ، މިރޭ ވެލެންސިއާއިން ނުކުންނަން ޖެހޭނީ ރަނގަޅު ފޯމެއްގައި އޮތް ކްލަބު އީގަލްސްއާ ދެކޮޅަށެވެ.
"މިވަގުތު ވެލެންސިއާއަށް އުނދަގޫތަކެއް އެބަހުރި. އެއީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް މިތިބީ. ގާތްގަނޑަކަށް 80 ޕަސެންޓް، ނޫނީ 90 ޕަސެންޓް ކުދިންނަކީ ސްކޫލް ކުދިން. ދެން އޯލެވެލް އިންތިހާނު ފެށިގެން ކުރިއަށްދަނީ. އޭގެ ތެރެއިން ވަރަށް ގިނަ ކުދިންތަކެއްގެ އިމްތިހާނު ފެށިގެން ކުރިއަށް ދަނީ. އެހެންވެ ޕްރެކްޓިސްތައްވެސް ތަންކޮޅެއް ބޮޑަށް ދަށްކޮށް ދަނީ. އެކުދިންނަށް ވަރަށްބޮޑަށް ދޫދީގެން، އެކުދިންނަށް އާދެވޭ ދުވަހަކު އާދެވޭ ގޮތަކަށް ވަގުތު ދީގެން ކުރިއަށް މިގެންދަނީ. އޭގެ އިތުރުން އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތްވެސް ފެށުމުން އޭގެ ތެރޭގައިވެސް މީގެ ތެރެއިން ވަރަށް ގިނަ ކުޅުންތެރިން އެބަ ހަރަކާތްތެރިވޭ. އެއީ ވަރަށް ބޮޑު ދައްޗެއް،" ފެސްކޯ އިއްޔެ ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.
ފެސްކޯ ބުނީ ޒުވާން ގިނަ ކުޅުންތެރިންނާއެކު ވެލެންސިއާއިން ސީޒަނަށް ނުކުތްއިރުވެސް އެފަދަ ހާލަތެއް ދިމާވެދާނެކަން އެނގޭ ކަމަށާއި، ތައްޔާރުވީވެސް އެކަން އެނގިތިބެގެން ކަމަށެވެ. އެކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް ބުނަމުން ފެސްކޯ ބުނީ، މިހާތަނަށް އައިއިރު ޒުވާން ކުޅުންތެރިންގެ ފަރާތުން ހިތްހަމަ ޖެހޭ ކުޅުމެއް ފެނިގެންދާ ކަމަށެވެ.
"ވަން އަގައިންސްޓް ވަން ހާލަތްތަކުގައިވެސް މިހާރު ކުޅުންތެރިން ބީޓްކޮށްލައި، އިތުބާރު އަމިއްލައަށް އުފައްދަމުންދާތަން އެބަ ފެނޭ. އެއީ ކޯޗަކަށް ލިބޭނެ އެއްކަމެއް. އެ ކެރުންތެރިކަން ކުޅުންތެރިން ކިބައިގައި ހުރުމަކީ ފާހަގަކޮށްލަން ބޭނުންވާ އެއް ކަންތައް. މެޗަކަށްފަހު މެޗަކަށް ގޯސްތައް މަދުކޮށް ފެނިގެންދާކަން ފާހަގަކޮށްލަން ޖެހޭ،" ފެސްކޯ ޒުވާން ކުޅުންތެރިންނާ ގުޅިގެން އިތުރަށް ބުންޏެވެ.
މި ސީޒަނުގެ ފެށުން ވެލެންސިއާއަށް ގޯސްކޮށް ދިޔަ ނަމަވެސް، ފެސްކޯ ބުނީ މިއަހަރުވެސް ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި އޮތުން ކަމަށާއި، ކަންކަން ރަނގަޅުކުރަން މަޑުމަޑުން މަސައްކަތްކޮށް، ވެލެންސިއާ ސަޕޯޓަރުން ބޭނުންވާ ކަހަލަ ވެލެންސިއާއެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެ އުންމީދަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ފެސްކޯ "އައުޓް އޮފް ކޮންޓެކްސްޓް" ބުނީ "ފަލަސްތީނުން އުންމީދެއްގައި ދިރިއުޅޭތާ 60 އަހަރު ވެއްޖެކަމަށާއި، ވެލެންސިއާއިން ދެތިން މަސް ދުވަސް ވަންދެން އުންމީދެއްގައި ތިބެން ޖެހުމަކީ،" މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިއަތު އިލްހާމް ބުނީ ޓީމުގެ ހިތްވަރަކީ ކުޅުންތެރިން ކަމަށާއި، ޓީމުގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބަލިވެ، ޓީމަށް އެޓެންޑް ނުވެވޭ މި ހާލަތުގައި ކުޅުންތެރިން ދޭ އެއްބާރުލުންވެސް ފާހަގަކުރަން ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އީގަލްސް ނުކުމެ އޮތީ ލީގަށް "ފައިޓް" ކުރަން ކަމަށާއި، މިހާރު ހައްލުކުރަން ޖެހިފައި އޮތް ހަމައެކަނި މައްސަލައަކީ ކޮޅަށް އަވަހަށް ގޯލު ވަންނަ މައްސަލަ ކަމަށެވެ.
"ކުޅުންތެރިން ދަނޑުމަތީގަ ދައްކާ ހިތްވަރަށް ފަށްފަށުން ޝުކުރު އަދާކުރަން. ޓީމު ވަރަށް ރަނގަޅަށް ހިތްވަރުކޮށް، އާންމުކޮށް މެޗުތަކުގެ ފަހު ހާފުތަކުގަ ރީތި ފުޓުބޯޅައެއް ފެނިގެން ދަނީ. ކޮންމެ މެޗެއްގަވެސް އަވަހަށް ކޮންސީޑްވޭ އެބަ. އެކަމަށް އެބަޖެހޭ ޗޭންޖެއް ގެންނަން. އިރާދަކުރެއްވިއްޔާ ވެލެންސިއާ މެޗުގަ އެ ބަދަލު ގެނައުން ޓާގެޓަކީ،" އިލްހާމް ބުންޏެވެ.
ލީގުގައި އީގަލްސްއިން އެންމެ ފަހުން ކުޅުނު މެޗުގައިވެސް ބުރު ސްޕޯޓްސް ކްލަބު ބަލިކުރީ ފަހަތުން އަރި 3-1 ގެ ނަތީޖާއަކުންނެވެ. ޕްރެސިޑެންޓްސް ކަޕްގައިވެސް އީގަލްސްގެ ފަރާތުން ބައެއް މެޗުތަކުގައި "ކަމްބެކް" ހެދިތަން ފެނިގެން ގޮސްފައިވެއެވެ. އެކަމުގައި ކުރިން އީގަލްސްގެ ކޯޗު ސާންތި ބުނީ ފަހަތުން އަރައި މޮޅުވުމަކީ ކޮންމެ ދުވަހު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކޮޅަށް ގޯލު ވަނުން ހައްލު ކުރަން ޖެހޭ ކަމަށެވެ.
އީގަލްސްއާއި ވެލެންސިއާ ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.