ރާއްޖެ, ސްރީލަންކާ އަދި އިންޑިއާއަށް އެތެރެކުރަން އުޅުނު 22 ބިލިއަން ރުފިޔާގެ ޑްރަގް އިންޑިއާ ކަނޑުން އަތުލައިގެންފިއެވެ.
އެ ޑުރަގް ޝިޕްމަންޓް އަތުލައިގަތީ އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ޑުރަގް ބޯޓުތަކަށް އަމާޒުކޮށްގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި އެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަން ސަމުދްރަގުޕްތުގެ ދަށުން ހިންގި އޮޕަރޭޝަނެއްގައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި, އެ އޮޕަރޭޝަންގައި 2500 ކިލޯގެ ކްރިސްޓަލް މެތު އަތުލައިގެންފައިވެއެވެ. އޭގެ އަގު 12,000 ކްރޯޑު އިންޑިއަން ރުޕީސް (22 ބިލިއަން ދިވެހި ރުފިޔާ) އަށް އަރާނެ ކަމަށް ބުނެފައިވެއެވެ.
ބައެއް އެހެން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަތުލައިގެން ޑުރަގް ޝިޕްމަންޓުގެ އަގަކީ 15,000 ކްރޯޑު އިންޑިއަން ރުޕީސްއެވެ. ނަމަވެސް މިއީ ފައިސާގެ ގޮތުން މިހާތަނަށް އަތުލައިގެން އެންމެ ބޮޑު ޑުރަގް ޝިޕްމަންޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެންސީބީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ސަންޖޭ ކުމާރު ސިންގްއާ ހަވާލާދީ އޭއެންއައި ނޫހުގައި ބުނެފައިވާ ގޮތުން, ޑުރަގް ޝިޕްމަންޓް ބަރުކޮށްފައި ހުރި ބޯޓު ފުރީ އިރާންގެ ޕޯޓަކުންނެވެ. އަތުލައިގެން ބައެއް ޑުރަގް ޕެކެޓްތަކުގައި "މޭޑް އިން ޕާކިސްތާން" ޖަހާފައި ހުރި ކަމަށާއި އެ ތަކެތި ބަހަން ނިންމާފައިވަނީ އިންޑިއާ, ސްރީ ލަންކާ އަދި ރާއްޖެއަށްކަން އެނގިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު