އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓޮން ވިލާއިން ޓޮޓެންހަމް ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވުލްވްސް ބަލިކޮށްފިއެވެ.
ވިލާއިން މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް ބަލިކުރި އިރު، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިރޭ ޔުނައިޓެޑުން ހޯދި ނަތީޖާއާ އެކު އެޓީމުން ވަނީ ގަދަ ހަތަރެއް ޔަގީންކުރުމާ ގާތަށް ޖެހުލައިފައެވެ. އެޓީމުން މިހާތަނަށް ކުޅުނު 35 މެޗުން 66 ޕޮއިންޓް ހޯދާފައިވާ އިރު، ނިއުކާސަލް މިރޭ ކުޅުނު މެޗުގައި އެއްވަރުވެ، އެޓީމު ތިންވަނައިގައި އޮތީ 35 މެޗުން 66 ޕޮއިންޓާ އެކުގައެވެ.
ޓޮޓެންހަމް މިރޭ ކުޅުނު މެޗުން ބަލިވި އިރު، އެޓީމު ހަވަނައިގައި މިހާރު އޮތީ 36 މެޗުން 57 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލުން ފަސްވަނައިގައި 35 މެޗުން 62 ޕޮއިންޓާއެކު އޮތް އިރު، އެޓީމާއި ޔުނައިޓެޑަށްވެސް ލީގުގައި ބާކީ އޮތީ ތިން މެޗެވެ. ވިލާއިން މިރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ ޔޫރޮޕާ ލީގުގެ ޖާގައަކާ ގާތަށް ޖެހިލައިފައެވެ. ޓޮޓެންހަމްއާ އެއްވަރަށް 35 މެޗުން 57 ޕޮއިންޓް ވިލާއިން ހޯދާފައިވާ އިރު، އެޓީމަށް ޔޫރޮޕާގެ އުންމީދު ވަނީ އާވެފައެވެ.
ވިލާއިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ގޯލު ޖަހައި ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ ޖޭކޮބް ރަމްސޭއެވެ. ޓޮޓެންހަމްއަށް ދަށްކޮށް ފުރަތަމަ ހާފު ދިޔަ އިރު، އެޓީމުން ގޯލަށް އަމާޒުކޮށް ހަމަލާއެއްވެސް ފޮނުވާލާފައެއް ނުވެއެވެ. މިއީ 1995-96 ވަނަ އަހަރު ސީޒަނަށްފަހު ޓޮޓެންހަމްއިން ފުރަތަމަ ހާފްގައި ޝޮޓެއް ނުހަދައި ނިންމާލި ފުރަތަމަ ފަހަރެވެ.
ދެވަނަ ހާފުގައި ޑަގްލަސް ލުއިސް ޖެހި ހިލޭ ޖެހުމުން އިތުރު ގޯލެއް ޖަހައި ވިލާއިން ލީޑު ފުޅާކޮށްފައިވާ އިރު، ޓޮޓެންހަމްއިން ޖެހި ހަމައެކަނި ގޯލަކީ ޕެނަލްޓީގައި ހެރީ ކޭން ޖެހި ގޯލެކެވެ.
ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ ފޯވަޑް މާކަސް ރަޝްފޯޑު ކުޅެފައިނުވާ އިރު، ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ހާއްސަކޮށް އެންޓޮނީއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ.
ޔުނައިޓެޑުން ހާފު ނިންމާލީ ގޯލަކާއެކުގައެވެ. އެޓީމުން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލީޑު ނެގީ އެންތޮނީ މާޝިއަލް ޖެހި ގޯލުންނެވެ. ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނު ޔުނައިޓެޑުން ވަނީ މެޗު ނިމެންދަނިކޮށް ދެވަނަ ގޯލެއް ޖަހައި ނަތީޖާ ޔަގީން ކޮށްފައެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލު ޖެހީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ. އެ ގޯލަކީ އެލެހާންޑްރޯ ގާނާޗޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު