"ހަތް ފޮޅުވަތް" މިއީ "ވަން" އިން އަލަށް ފަށާ މައުޟޫއެކެވެ. މި މައުޟޫގެ ދަށުން ގެނެސްދޭނީ މުޖުތަމައުގެ ތެރެއިން ފެންނަ ނުވަތަ އިވުނު އަޑެއްގެ ވާހަކައެވެ. ކޮންމެވެސް މުހިންމު ކަމެއް ވާހަކައެވެ. މާބޮޑު ތަފްސީލެއް ނޯންނާނެ އެވެ. އިންޓަވިއުތަކެއްވެސް ނުހުންނާނެ އެވެ. އޮންނާނީ ހަތް ފޮޅުވަތެވެ. މަޝްވަރާއާއި ބަހުސް ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.
-------------
މިދިޔަ ބުދަ ދުވަހު ހެނދުނު 8 ޖެހިއިރު އަހަރެން ދިޔައީ ގުރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ދަރިފުޅު ބަލައި ސްކޫލަށެވެ. ކުޑަކުދީންގެ ދުވަސްވީމާ ސްކޫލުގައާއި ކުލާސްކުދީން ހިމެނޭހެން ކުލާސް ޓީޗަރާއެކު ދަރިފުޅުގެ ރީތިފޮޓޯކޮޅެއް ނަގާން އަންހެނުން އޮތީ ބުނެފަ އެވެ.
"ވަރަށް އަވަސްކޮށްލަން ވާނެ." ކުއްޖަކު ބަލައި އައިސްތިބި ދެމަފިރީންގެ ތެރެއިން ފިރިމީހާ ބުނިއަޑު އިވުނެވެ.
"މިއަދު އެހާ އަވަހެއް ނުވާނެ، ކުލާސްކުދީންނާއި މިސްއާއެކު ފޮޓޯވެސް ނަގަން ވާނެ." އަންހެނުން ޖަވާބު ދިނެވެ.
"ކީއްކުރަންތައް އޭނައާއެކު ފޮޓޯ ނަގަނީ! އަބަދު ހުންނަނީ ޖައްސާލާފަ. އެއީ ކަޑަ މީހެއް، އޭނާއާއެކު އެކުއްޖާގެ ފޮޓޯ ނަގާނެ ކަމެއް ނެތް." ފިރިމީހާގެ އަޑުގައި ހުރީ ނަފުރަތެވެ.
ދަރިވަރުން ޓީޗަރާއެކު ފޮޓޯނެގުމަށް ލޯބިކުރާއިރު، އަދި ޓީޗަރަށް ގަދަރާއި އިހުތިރާމުކުރާން ދަސްކޮށްދިނުމަކީ ބެލެނިވެރީންގެ ޒިންމާއަކަށް ވާން ޖެހޭއިރު މިއީ ކޮން ފަދަ ވާހަކައެއް ހެޔެވެ؟ ޓީޗަރެއްގެ ފުށުން ނުރަނގަޅު ކަމެއް ފާހަގަވީނަމަވެސް، ކުށެއް ނެތް މައުސޫމް ދަރިފުޅު އެކަމުގެ ތެރެއަށް ވައްދައި އެކުދީންގެ ހިތްތަކުގައި ޓީޗަރުންނަށް އޮންނަ ގަދަރާއި އިހުތިރާމު ނައްތައިލައިގެން ވާނެ ފައިދާއެއް އޮންނާނެ ހެއްހެޔެވެ؟
ހަތް ފޮޅުވަތް
ހަތް ފޮޅުވަތް
ހަތް ފޮޅުވަތް