ފާފަ ކުރުމަށްފަހު އެކަމަށް ފަހުރުވެރިވެ އެ ވާހަކަ ދައްކައި އުޅޭ މީހުން މަދުނޫން ކަމަށާއި އެއީ ނުބައިކަން ބޮޑުވެގެންވާ އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
'ފާފައިގެ އަސަރު' މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ, މާތް الله އަށް އުރެދުމަށް ކުރެވޭ ކޮންމެކަމަކީ ފާފައެއް ކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށެވެ. ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަށް ހުށަހެޅި ދިރިއުޅުމުގެ ހަޔާތް ނާމާންވެ, ބިންމަތި ފަސާދަވެ, މުޖުތަމައުގައި ބިރުވެރިކަން އުފެދި, އޭގެ ސަބަބުން މާތް ﷲގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި ބައެއް ފާފަތަކަށް ދުނިޔެމަތީގައިވެސް އަޒާބު އަންނަ ކަމަށާއި އަމަން އަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިފި ނަމަ, އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށާއި އެފަދަ ބަލިމަޑުކަން ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށެވެ.
އެފަދަ އަމަލުތައް ބައެއްގެ ތެރޭގައި ގިނަވެއްޖެ ނަމަ ކުރީގެ އުންމަތްތަކުގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅު ކުރައްވާނޭކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އަހަރެމެންގެ ތެރެއިން ބައެއް މީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުނިޔަވީ މަންފާއަށްޓަކައި ފާފައެއްކުރުމަށް ޖެހިލުމެއް ނުވާއިރު ބޮޑެތި ފާފަތަކަށްވެސް އަރައިގަންނަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު