ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަނިކޮށް އިއްޔެ ހެނދުނު ގެއްލިގެން ހޯދަމުން އަންނަ ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބައި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނާ ގޮތުން، ދެ މީހުންނާއެކު 65 ފޫޓު ދިގު، 'ޖަންބޯ' ނަމަކަށް ކިޔާ އެ ދޯނި ކ. ގާފަރުން ބ. ދަރަވަންދޫއަށް ފުރީ އިއްޔެ ހެނދުނު 10:40 ގައެވެ. ދޯނީގެ ހަބަރެއް އެންމެ ފަހުންވީ އިއްޔެ މެންދުރު 11:35 ގައި ކަމަށާއި ދޯނި ގެއްލިގެން ރިޕޯޓް ކުރީ އިއްޔެ ހަވީރު 6:03 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ، ސްޕީޑް ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެކަމުގެ އިތުރު ތަފުސީލު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، އެ މީހުން ސަލާމަތްކުރީ މިއަދު ހެނދުނު 10:00ގެ ފަހުން ކަމަށާއި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން މިހާރު އަންނަނީ އެ މީހުން ދަތުރުކުރި ދޯންޏަށްވީ ގޮތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.