ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ހިޔާ ފުލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކޮށްފައިވާކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމަށް ލުޔެއް ގެނެސް، އެކަން އިއުލާނުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަކުރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ ބައްދަލުކޮށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމުގައި އިތުރު ލުއިތަކެއް ދިނުމަށް ރައީސް ސޯލިހު ނިންމަވާފައިިވާ ކަމަށެވެ.

އެގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރު ވަންދެން ހިޔާ ޔުނިޓުތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ކުލި 5،300ރ އަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ކުލި ކުޑަކުރީ ނޫން ކަމަށާއި ކުލި ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދިނީ ކަމަށެވެ.

މި ބައްދަލުވުމުގައި ހިޔާގެ ކުއްޔަށް މި ގެނެވުނު ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ބަލަހައްޓާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މި ބަދަލު ގެނައީ ހިޔާ ފްލެޓުގެ ޔުނިޓުތައް ލިބުނު ފަރާތްތަކުން އެތަނުގެ ފިނިޝިން މަސައްކަތްތަކަށް އެވްރެޖްކޮށް 130،000ރ ހަރަދުވާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭ ކުލި ކުޑަ ކުރި ނަމަވެސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށާއި ކުއްޔަށް މި ގެނައި ލުޔާއެކު ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

"ބޭސިސް އަކީ ފިނިޝިން ލޯނުތަކަށް ފައިސާ ދައްކާ މުއްދަތަށް ކުލިން ލުޔެއް ދިނުން. މި ބަދަލާ އެކު ހަތް އަހަރުގެ މުއްދަތަށް 5،300ރ.އަށް ކުލި ދައްކާ އަދަދު ކުޑަވެގެން ދިޔައީ،" އާތިފް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި މިހާރު ދައްކަމުން އަންނަ 1،000ރ. އާ އެކު ކޮންމެ މަހަކު 6،300ރ. ދައްކަން ޖެހޭނެ އެވެ.

އާތިފް އިތުރަށް ވިދާޅުވީ ސަރުކާރުން މުޅި ހިޔާ މަޝަރޫއުއަށް މީގެ ކުރިން ވެސް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށްފައިވާ ކަމަށެވެ. އަދި ކުލި ދައްކަންޖެހޭ މުއްދަތު އިތުރުކުރި ނަމަވެސް އެ މަޝްރޫއަށް އާބަންކޯއިން ނަގާފައިވާ ލޯނު ދެއްކުމުގެ މުއްދަތަށް ބަދަލެއް ނާންނަ ކަމަށާއި އެ ނެގި ލޯނު ދެއްކުމުގެ ކަންކަން ހަމަޖައްސާނީ އެ ކުންފުނީގެ ކޭޝްފްލޯއިން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.