Close
ދިވެހިރާއްޖޭގެ ތާރީޚު

މާލޭގައި އުޅުނު ބިދޭސީންނަށް ކުރީޒަމާނުގައި ހުރި ގަވާއިދުތައް! ދިވެހި އަންހެނުންނާ ވާހަކަދެއްކުންވެސް މަނާ!

އިމާދު ލަތީފު

2

ރާއްޖެއަށް ބިދޭސީން އައުމާއި ފުރުމުގެ ކަންކަން މިހާރު އޮންނަނީ ފާލުން ނެއްޓިފައޭ ބުނާ މީހުން ވަރަށް ގިނައެވެ. އަދި ބިދޭސީންނަށް ހެދިފައި ހުންނަ ގަވާއިދުތަކަށް ބޯލެނބުމުގެ ކަންކަން އަދިއެއަށްވުރު ދެރަވަރުކަމަށް ގަބޫލުކުރާ މީހުންވެސް ވަރަށް ގިނައެވެ. ބިދޭސީންގެ ކަންކަން މިހާރު ހުންނަގޮތް ބަލައިފައި ކުރިންވެސް މިކަން އޮތީ މިހެންބާވައޭ ހިތަށްއަރާ މީހުން މަދެއް ނުވާނެއެވެ. ވަރަށް ކުރީއްސުރެ ބިދޭސީންނާބެހޭ ގޮތުން ހަރުދަނާ ގަވާއިދުތަކެއް ސަރުކާރުން ހަދާފައިއޮތެވެ. އެކިދުވަސްވަރު އެކިގޮތަށް އިސްލާހުވަމުންވެސް އާދެއެވެ. ބޭނުމަކީ ދިވެހިން ރައްކާތެރި ކުރުމެވެ. ދިވެހި އާދަކާދަޔާއި ދިވެހީންގެ ހުރުމަތް ދެމެހެއްޓުމެވެ. އޭރުގެ ވިސްނުންތަކާއި ގަބޫލުކުރުންތަކަށް ފައްތައިގެންނެވެ. މިދެންނެވި ވިސްނުންތައް މިހާރުގެ ވިސްނުންތަކާ ވަރަށް ބޮޑަށް ތަފާތުވެދާނެއެވެ.

އިހުގެ ބައެއް ގަވާއިދުތަކަށް ބަލައިލަމާބަހީއެވެ. މާކުރިއެއްވެސް ނޫނެވެ. ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސްވަރެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރެވެ. މީގެ ފަސްދޮޅަހަކަށް އަހަރު ކުރިއެވެ. މިހާރެކޭވެސް އެއްގޮތަށް އޭރުވެސް އެންމެ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅުނީ މާލޭގައެވެ. އެކިއެކި މަސައްކަތްތައް ކުރުމުގައެވެ. އެކިއެކި ބޭނުންތަކުގައެވެ. އެހެންވީމާ ބިދޭސީންގެ ކަންކަން އެންމެބޮޑަށް ކޮންޓްރޯލް ކުރެވިފައިއޮތީވެސް މާލޭގައެވެ. އެދުވަސްވަރު އެއްރަށެއްގައި އެންމެ ގިނައަދަދެއްގެ ބިދޭސީން ތިބީ އައްޑޫ ގަމުގައެވެ. އެއީ އިނގިރޭސީންގެ އަސްކަރީ މަރުކަޒެކެވެ. އެތަނުގައި އޮތީ އިނގިރޭސި މިލިޓަރީ އުސޫލުތަކެވެ. އެކަމަކު އައްޑުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ބިދޭސީން ދިއުމާއި މުއާމަލާތު ކުރުމުގައި އޮތީ ދިވެހި ސަރުކާރުގެ ގަވާއިދުތަކެވެ.

މާލޭގައި ތިބޭ ބިދޭސީންނާބެހޭ ގަވާއިދުގެ ދަށުން ގޭގޭގެ ދޮރާށިދޮށަށް ހުއްޓި ވާހަކަދައްކަން ތިބުމާއި، ފާރުމައްޗަށް އަރައިތިބޭ މީހުންނާއި ވާހަކަދައްކަން ހުއްޓި ތިބުމާއި، ފިރިހެނަކުނަމަ އަންހެނަކާއި ވާހަކަދެއްކުމަކީ ބިދޭސީންނަށް މަނާ ކަންކަމެވެ. ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާއި ވާހަކަދައްކަން ބޭނުންވެއްޖެނަމަ، ދައުލަތުން ހުއްދަކުރައްވާ ކަންކަމުގައި މެނުވީ ވާހަކަދެއްކޭނީ ޚާރިޖީވުޒާރާގެ ހުއްދަ ލިބިގެންނެވެ. ބިދޭސީއަކު ދިވެއްސަކާއި އިންނާންވެއްޖެނަމަ އިނދެވޭނީ ޚާރިޖީވުޒާރާ މެދުވެރިކޮށް ދާޚިލީވުޒާރާގެ ހުއްދަ ލިބިގެންނެވެ. ފަޅުތެރޭގައި ނުވަތަ ބަނދަރުގައިވާ ދިވެހި އުޅަނދަކަށް ބިދޭސީއަކަށް އެރޭނީ ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ. ބިދޭސީއަކު ރާއްޖޭގެ ސިޔާސަތާއި ބެހިގެން ނުވެއެވެ. އަދި ރާއްޖޭގެ ސަރުކާރު ހިންގާގޮތާބެހޭގޮތުން ވާހަކައެއް ދައްކައިގެންވެސް ނުވެއެވެ.

ދައުލަތުގެ މެހުމާނުންގެ ގޮތުގައި އެކި ގައުމުތަކުން ވަޑައިގަންނަވާ މަންދޫބުންނާއި ޑިޕްލޮމެޓިކް ހައިސިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅުން މި ގަވާއިދުން އިސްތިސްނާވެގެންވެއެވެ. ބިދޭސީ ވިޔަފާރިވެރިއަކުނަމަ އެމީހަކު ރާއްޖެއަށް ގެނައުމުގެ ހުއްދަ ދޭނީ ދާޚިލީ ވުޒާރާއިންނެވެ. އެހުއްދައިގެ ދަށުން އަންނަ މީހަކު ފުރައިގެންދާނަމަ އެކަމަށް ޚާއްސަވެފައި އޮންނަ ފޮތުގައިލިޔެ ވިޔަފާރިއާބެހޭ ވުޒާރާއަށް އަންގަންޖެހެއެވެ. ބިދޭސީއަކު ރާއްޖެތެރޭ މީހެއްގެ މައްޗަށް، އެބަހީ މާލެ ނޫން އެހެން ރަށަކަށް ނިސްބަތްވާ ދިވެއްސެއްގެ މައްޗަށް އެއްވެސް ޝަކުވާއެއް ނުވަތަ ދައުވާއެއް ކުރާނަމަ އެކަމަށް ކަނޑައެޅިފައި އޮންނަ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބަންޑާރަނާއިބުގެ އޮފީހަށް ނުވަތަ އަދުލުއިންސާފު ގާއިމްކުރުމާބެހޭ ވުޒާރާއަށް ހުށައަޅައިގެން ކުރިއަށް ގެންދެވެއެވެ.

މާލެނޫން އެހެން ރަށަކަށް ބިދޭސީއަކަށް ދެވޭނީ ޚާރިޖީވުޒާރާ މެދުވެރިކޮށް ދާޚިލީވުޒާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ދިވެހިން އުފައްދާ އެއްވެސް ކަމެއްގައި ބިދޭސީއަކަށް ބައިވެރިވެވޭނީވެސް ޚާރިޖީވުޒާރާ މެދުވެރިކޮށް ދާޚިލީވުޒާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ބިދޭސީއަކު މާލެއައި އުޅަނދެއް ފުރައިގެން ދިއުމަށްފަހު މާލޭގައި ދެމިހުރެވޭނީ އެމީހަކު ކުރާން ގަސްތުކުރާ މަސައްކަތަކާއި މާލޭގައި ހުރުމަށް ގަސްތުކުރާ މުއްދަތު ބަޔާންކޮށްލިޔެ ޚާރިޖީވުޒާރާ މެދުވެރިކޮށް ދާޚިލީވުޒާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ރުއްގަހާއި އިމާރާތްތައް ބިދޭސީއަކަށް ގަނެވޭނީ ޚާރިޖީވުޒާރާ މެދުވެރިކޮށް ދާޚިލީވުޒާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ބިދޭސީއަކު މިއިން އެއްވެސް ގަވާއިދަކާ ޚިލާފުވެއްޖެނަމަ ދާޚިލީވުޒާރާއަށް ފެނުނު ކޮންމެ އަދަބެއްވެސް ދެވެއެވެ.

މާލޭގައި ތިބޭ ބިދޭސީންނާބެހޭ ގަވާއިދުގެ ދަށުން ވަކި ޚާއްސަ ހުއްދަޔަކާނުލައި އެމީހުންނަށް ދެވޭ ތަންތަންވެސް މާގިނައެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ ވެރިންގެ ގޭގެއަށް ދެވެއެވެ. ސިއްހީ ފަރުވާދޭ ތަންތަނާއި ބިދޭސީން ދިރިއުޅޭ ގޭގެޔާއި ތަންތަނަށް ދެވެއެވެ. ކުޅިވަރުކުޅޭ ތަންތަނަށްވެސް ދެވެއެވެ. ބިދޭސީއަކު މަޝްއޫލުވެގެންއުޅޭ މަސައްކަތަކާ ގުޅޭގޮތުން ވަނުން ލާޒިމުކުރާ ކޮންމެ ތަނަކަށްވެސް ވަދެވެއެވެ. މިނޫންތަނަކަށް ވަންނާން އެދޭނަމަ އެތަނަކަށް ދެވޭނީ ނުވަތަ ވަދެވޭނީ ޚާރިޖީވުޒާރާގެ ހުއްދަ ލިބިގެންނެވެ. މުއައްސަސާތަކުގެ ވެރިންކަމުގައި މިގަވާއިދު ބުނަނީ ވަޒީރުންނާއި ޚާރިޖީވުޒާރާގެ ސެކްރެޓަރީން ފެށިގެން މައްޗަށް ތިބޭ ވެރިންނާއި މުނިސިޕަލްޓީގެ ރައީސެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟