ބާސެލޯނާގެ ކެޕްޓަން، ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.
އުމުރުން 34 އަހަރުގެ ބުސްކެޓްސް، ބާސާ ދޫކޮށްލަން ނިންމާފައި ވަނީ 18 އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. ބުސްކެޓްސް ވަނީ ބާސާއަށް 718 މެޗު ކުޅެދީފައެވެ. އޭނާއަކީ އެ ކްލަބުގެ ތާރީހުގައިވެސް ތިންވަނައަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ.
"މިއީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، މިއީ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަށް ދެކެން. މިއީ ހަނދާނުން ނުނެތޭނެ ދަތުރެއް. އަހަރެން އެންމެ ކުޑައިރުން ފެށިގެންވެސް ދެކެމުން އައި ދުވަހެއް އެއީ ބާސާގެ ދަނޑުގައި، ބާސާގެ ޖާޒީގައި ކުޅެލުމަކީ. ބާސާގެ ބެޖަކީ އަހަންނަށް ހަޔާތުގެ އެންމެ ބޮޑު ޝަރަފު. އެ ބެޖުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމަކީ އަހަންނަށް އެންމެ ބޮޑު ފަހުރު. އަދި އެއީ ހަޔާތުގެ ބޮޑު ބައެއް،" ބާސާއިން ވަކިވެދާނެކަން އިއުލާނު ކުރަމުން ބުސްކެޓްސް ބުންޏެވެ.
ބާސާއާއެކު ބުސްކެޓްސް ވަނީ އަށް ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ހަތް ފަހަރަށް ކޮޕާ ޑެލް ރޭ ކާމިޔާބުކުރުމުގެ އިތުރުން ތިން ފަހަރަށް ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މި ސީޒަނުގެ ލީގުވެސް ބާސާއަށް ގާތްގަނޑަކަށް ޔަގީންވެފައި އޮތް އިރު، ބުސްކެޓްސް ސީޒަނަށްފަހު ނިންމާލާފައި ދާނީ ތަށި އުފުލާލައިފައެވެ.
ބުސްކެޓް ބާސާގައި ހޭދަކުރި ދިގު މުއްދަތުގައި އެކިއެކި ގޮތްގޮތުން އެހީތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައިވެސްވެއެވެ. 2005 ވަނަ އަހަރު ބާސާގެ ޔޫތު ޓީމުން އެ ކްލަބުގެ ކެރިއަރު ފެށި ބުސްކެޓްސް ފުރަތަމަ ސީނިއާ ޓީމަށް ކުޅުނީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި 2008 ވަނަ އަހަރުއެވެ.
ސީނިއާ ޓީމަށް ކުޅުނު 15 އަހަރުގައި ބުސްކެޓްސް ވަނީ 18 ގޯލު ޖަހައި 40 އެސިސްޓް ފުރިހަމަކޮށްފައެވެ. ބުސްކެޓްސްއަކީ ބާސާގެ ތާރީހުގެ އިތުރުން ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައިވެސް ފެނިގެން ދިޔަ އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރެވެ. އޭނާއަކީ ކެރިއަރުގެ ޕީކުގައި ބާސާގެ އިތުރުން ސްޕެއިން ގައުމީ ޓީމަށްވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.
ބުސްކެޓްސް ވަނީ ދާދިފަހުން ސްޕެއިނާއެކު 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގައިވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. އޭނާ ވަނީ ވޯލްޑް ކަޕަށްފަހު ސްޕެއިން ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނު ކޮށްފައެވެ. ގައުމީ ޓީމާއެކު ބުސްކެޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯވެސް ހޯދައިފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ބުސްކެޓްސްގެ ކްލަބު ކެރިއަރުގައި ދެން ބާކީ އޮތް ބައިގައި ފެންނާނެ ކަމަށް ބެލެވެނީ ސައުދީ ލީގު ނުވަތަ އެމެރިކާ ލީގު ފަދަ ލީގަކުންނެވެ.