ދިވެހި ޕްރީމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ހަމަޖައްސައިފިއެވެ.
އެމްޑަބްލިޔުއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިޔުއެސްސީ ހަމަޖެއްސިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުއެވެ.
މިއީ އެމްޑަބްލިޔުއެސްސީން އެ ލީގު ސްޕޮންސާކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދިވެހި ޕްރީމިއާ ލީގް ސްޕޮންސާ ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އަދި ދިރާގުންނެވެ.
ދިވެހި ޕްރީމިއާ ލީގަކީ ރާއްޖޭގެ އެންމެ ޓޮޕް ލީގެވެ. އެ ލީގުގައި މިވަގުތު އަށް ޓީމެއް ވާދަކުރެއެވެ. ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަން އެފްއޭއެމުން މަޝްވަރާތަކެއް ކޮށްފައިވާ އިރު، އަދި ލީގު ކުޅެމުންދަނީ ހަމައެކަނި މާލޭގައެވެ. އަދި މިހާރު އޮންނަ އުސޫލުން ލީގުގައި އާންމުކޮށް ކުޅެނީ ތިން ބުރު ނޫނީ ދެބުރެވެ. މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޮޕް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަން މަޝްވަރާތައް ކޮށްފައިވާ އިރު، އެ ބަދަލު އަންނަ ސީޒަނުން ފެށިގެން ގެންނަން ކުރިން އޮތީ ރާވާފައެވެ.
ރޭވިފައި އޮތް ގޮތަށް ލީގުގެ ފޯމެޓް ބަދަލުކުރާނަމަ ލީގު ދެން ކުޅޭނީވެސް ހޯމް އެންޑް އަވޭގެ އުސޫލުންނެވެ. ނަމަވެސް ހޯމް އެންޑް އަވޭގެ އުސޫލުން މެޗުތައް ކުޅުމުގައި ބަޖެޓު ދަތިތަކެއް ދިމާވާތީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އެކަން މީގެ ކުރިން ފާހަގަ ކުރައްވައިފިއެވެ.
މިދިޔަ ތިން އަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.