މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް، ދ. މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގު މިއަދު އައްޔަންކުރައްވައިފިއެވެ.

ސަފާ އެމަގާމަށް އައްޔަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސަފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން، މާސްޓާ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ. ސަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގައެވެ.