ޕެންޝަން ފައިސާއިން މިއަހަރު މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ، ފަރުލު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 1444 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފަށައިގެން ހުޅުވައިލައިފައިވާ ކަމަށެވެ.

މިގަވާއިދުގެ ދަށުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ، ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.

އެހެންކަމުން އެކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮށްފައިވާ އިއުލާނުގެ ދަށުން މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން، ފަރުލު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުން ގާއިމުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށާއި، އެހެންކަމުން އެ މުއްދަތުގެކުރިން ކަމާބެހޭ ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އެ އޮފީހަށް އެކަން އެންގުން އެދޭ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

ގަވާއިދު ބުނާގޮތުން ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނީ ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުރެގެންނެވެ. އެއީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2،000 ރުފިޔާ ޕެންޝަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ. މީގެ އިތުރުން ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކޮށްފައިވާ ފަރާތެއްނަމަ، އެ އަދަދު ނުހިމަނައި އެންމެ މަދުވެގެން 336،000 ރުފިޔާ އެކައުންޓަށް ޖަމާވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

މީގެ އިުރުން އެކަމަށް އެދި ހުށަހަޅާ މީހަކީ، އެ ކަމަށް ހުށަހަޅާ އަހަރު، ހައްޖުވުމަށް ޖާގަ ކަށަވަރުވެފައިވާ މީހަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމަށް އެއްބަސްވާ ބައިވެރިއަކަށް ވުމާއި، އެކަމުގައި ހިމެނޭ ހުރިހާ ޝަރުތުތަކަށާއި، ކަންކަމަށް އެއްބަސްވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރަށް ކަމަށްވެސް ބުނެފައިވެއެވެ.