ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފުވައްމުލަކު ގޮފިން މައްސަލަތައް ބަލައިގަންނަން ފަށައިފިއެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ، މީގެ ކުރިން ފުވައްމުލަކުގައި ކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަނީ އައްޑޫ ސިޓީގައި ހުންނަ ޕީޖީގެ އޮފީހުން ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތައް ބަލައިގަންނާނީ އެ ސިޓީގައި ހުންނަ ޕީޖީ އޮފީހުން ކަމަށެވެ.
"ފުވައްމުލަކު ސިޓީއަކަށް ބަދަލުވުމާއެކު މި އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ގާއިމުވެތިބެ ތަހުގީގު އިދާރާތަކާ ގާތުން މަސައްކަތް ކުރުމެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތް ކުރަމުން. މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި،" ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީގެ ފުވައްމަލަކު އޮފީހުން މައްސަލަ ބަލައިގަންނަން ފެށުމުގެ ސަބަބުން އެރަށުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުގެ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް، ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ރަށުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ގާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޕީޖީން ބުންޏެވެ.