މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެ ކަނޑުއޮޅި ބަންދުކޮށްފައިވާކަން އިއުލާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އިއުލާނާ އެއްގޮތަށް އަމަލުނުކޮށް، އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

މަނާކޮށްފައިވާ ކަނޑުއޮޅިއަކުން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ށ)ގެ (23) ގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް 1(އެކެއް) މަސްދުވަހަށް ހިފެހެއްޓޭނެ ކަންވެސް އާއްމުކޮށް އިއުލާން ކުރަން،" ޓްރާންސްޕޯޓުން ބުންޏެވެ.

މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ދަތުރުފަތުރަށް މަނާކުރީ ބުރިޖުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ދަތުރުކުރުން ރައްކާތެރިނުވާތީކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާންމުކޮށް

ހުޅުވާފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

މި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ. އެހެންވެ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ސަރަހައްދުގައި ބްރިޖްގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.