ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝް މަސައްކަތް ތެރިންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރު ދެމި އޮންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބަންގުލަދޭޝްގެ މިނިވަން ދުވާހައި ގައުމީ ދުވަސް ފާހަގަކުރުމަށް އެ ގައުމުގެ ހައިކޮމިޝަނުން މިރޭ ހޮޓަލް ޖެންގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ވިދާޅުވީ ބަންގުލަދޭޝް ރައްޔިތުންނަކީ ރާއްޖޭގެ އިޖުތިމާއި އަދި އިގުތިސޯދީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ ރައްޔިތުން ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން ބަންގުލަދޭޝް ސަރުކާރަށް ދެއްވާ ކަމަށެވެ.
ރާއްޖެއިން ބަންގުލަދޭޝްއާ ސިޔާސީ ގުޅުން ގާއިމްކުރުމުގެ ކުރިންވެސް ދެ ގައުމަކީ އާދަކާދަ އާއި ސަގާފަތް އަދި ވިޔަފާރި އާއި ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބަންގުލަދޭޝާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޓެމްބަރު 22 ވަނަ ދުވަހުއެވެ.
ބަނގުލަދޭޝްގެ ތާރީހާ ބެހޭގޮތުން ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިހު މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ބަންގުލަދޭޝްގައި 1971 ވަނަ އަހަރު އުފެދިގެން ދިޔަ ބަންގަބަންދުގެ ލީޑާޝިޕާއި އިންސާފަށް ކުރެއްވި މަސައްކަތަށް ނައިބު ރައީސް ވަނީ ތައުރީފު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު