ފުއްގިރި މައްސަލާގައި ދައުލަތުން އަމަލު ކުރާގޮތުން، އެ މަނިކުފާނުގެ ނަފުސާނީ މައްސަލައެއް އުޅެނީ ކަމަށް ހީވާވަރަށް ކަންތައް ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެއެވެ.
ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ނިންމުމާއި ހެކިތަކެއް ރައްކާތެރި ކުރުމަށް އެކޯޓުން ނިންމި ނިންމުމާ ބެހޭގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ، ވަގުތު ނުދެއްވައި އަވަސް އަވަހަށް ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދާތީ ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ.
"ހައްގުތަކެއް ގެއްލޭނެ ކަމަށް ގަބޫލު މިކުރަނީ މައްސަލަ ޕްރިސައިޑް ކުރައްވާ ފަނޑިޔާރަށް ވަގުތު ނުދެއްވައި މިހާ ކައިރި ކައިރީގައި ހެކިބަސް ނަންގަވާ އިރު، ތިން އަހަރުން ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ، އެއީ ހަމަ އެކަނި ދައްކަވާ ގާނޫނީ ނުކުތާއަކީ، އޭގެންވެސް މައްސަލަ ފެށިގެން މިދަނީ އަޅުގަނޑުގެ މައްޗަށް ތިން ހަތަރު ދައުވާ އުފުލި އަދި އެ ދައުވާތަކުގެ އިސްތިއުނާފު މަރުހަލާގަ އަޅުގަނޑު އުޅޭ ވަގުތެއްގައި،"
ޔާމީން ވިދާޅުވީ އެކަމުގެ ސަބަބުން އެ ކަންތައްތައް ތަހައްމަލު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"ދެން އިއްޒަތްތެރި ފަނޑިޔާރުގެ ހިތްޕުޅަށް ގެންނަަވާ އަޅުގަނޑުގެ ގާނޫނީ ވަކީލުންނަކީވެސް ހަމައެކަނި މި މައްސަލައަށް ހާއްސަ ވެފައި، މި މައްސަލަ އެކަނި ބަލަހައްޓާ ބައެއް ނޫން، އަދި އަޅުގަނޑަކީ ހަމަ ތެދު ތެދަށް ދަންނަވާކަމަށް ވަންޏާ މިހާރު މި މައްލަތަކުގައި ދައުލަތުން މި އަމަލުކުރާ ގޮތުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ހިތައްއަރާ އަޅުގަނޑުގެ ހަމަ ނަފްސާނީ މައްސަލައެއް އުޅެނީ ބާއޭ، އަޅުގަނޑަށް ކޯޕް ނުކުރެވޭވަރަށް މިހާރު މިކަންކަން މިދަނީ،"
ފުއްގިރި މައްސަލައިގައި، ކުރިމިނަލް ކޯޓަށް ހެކިން ހާޒިރު ކުރަން އޮތް ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ވިދާޅުވީ، "ހެކި ނަންގަވަން އެއްދުވަހަށް އެ ޝެޑިއުލް ކުރައްވަނީ ހަތަރު މީހުން، އަޅުގަނޑަކަށް ލޯޔަރުންނަކާ ބައްދަލުކޮށް އެ ހެތްކާ ބެހޭގޮތުން އަޅުގަނޑުމެން މުތޯލިއާ ކުރާކަށް ވަގުތެއް ނުލިބޭ،" ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގައި ހެކިން ހާޒިރުކުރުގެ އަޑުއެހުންތައް ފެށުމަށް މާދަމާ ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓިގެ އިސްތިއުނާފު ނިމެންދެން، ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ވަގުތީ ގޮތުން ހުއްޓުވުމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު