އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ ހެކިބަސް ނެގުމަށް، ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން އޮތް އަޑުއެހުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ފުއްގިރި މައްސަލަ ސާބިތު ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައެވެ.

އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަކީ ހަމަ އެކަނި ފުއްގިރި މައްސަލައިގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ ބައެއް ނޫން ކަމަށެވެ. އާރަށުގެ މައްސަލައިގައި އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މަސައްކަތްތައްވެސް އޮތް ކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ފުއްގިރި މައްސަލައިގެ ހެކި ބަލައި ނުގަތް މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ފުއްރިގި މައްސަލައިގެ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެއީ ދައުލަތިގެ ހައްގު ގެއްލޭ ކަމެއް ނޫން ކަމަށާއި ކުރިމިނަލް ކޯޓުގައި އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ފުއްގިރި މައްސަލަ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަކުން ހުއްޓުވައި ދެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުށަހެޅުމާ ގުޅިގެން ސައުލަތުގެ ވަކީލު ޕަބްލިކު ޕްރިސިކިއުޓާ އީނާ މޫސާ ވިދާލުވީ، އެކަމުގައި ދައުލަތުން ފާހަގަކުރަން ބޭނުންވާ މައިގަނޑު ނުކުތާއަކީ ޝަރީއަތް އަވަސް ކުރުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށާއި ޝަރީއަތް އަވަސް ކުރުމާއި ލަސް ކުރުމުގައި، ދައުލަތުގެ ވަކި ހާއްސަ މަސްލަހަތެއް ނެތް ކަމަށެވެ.

"ނަމަވެސް ދައުލަތުން ފާހަގަކުރަން ބޭނުންވޭ މި މައްސަލައިގައި އިސްތިއުނާފު ކުރާ ދެފަރާތުގެ ޝައީއަތްވެސް ކުރިމިނަލް ކޯޓުގައިވަނީ ފަށައިފަ. ދެފަރާތުން އިފްތިތާހީ ބަޔާން ވަނީ ހުށަހަޅައިފަ. މާނައަކީ ޝަރީއަތުގެ ކުރީގެ މަރުހަލާތައް ނިމި މިހާރު މިއޮތީ ޝަރީއަތް ފެށިފައޭ. އެހެންވީމަ ދެން ދައުލަތަށް ގަބޫލު ކުރަނީ ދެން އޮންނާނެ ގޮތަކީ ސުޕްރީމް ކޯޓަށް މި ހުށަހެޅުނު ހުށަހެޅުންތަކާ ގުޅިގެން ނިންމަވާ ގޮތެއް. ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ބައްލަވާ ފަނޑިޔާރު ތަތުބީރު ކުރުން. އެހެން ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސާނުލައި ކުރިއަށް ގެންގޮސްފި ކަމުގައި ވަނީ ނަމަ، އިސްތިއުނާފު ކުރާ ފަރާތުގެ އަސާސީ ހައްގެއް ގެއްލިގެންދާ ކަމަކަށް ދައުލަތަށް ނުފެނޭ. އަދި އެފަރާތަށް ލިބިގެންދާނެ އިއާދަ ނުކުރެވޭނެ ގެއްލުމެއް އޮތް ކަމަކަށްވެސް ދައުލަތަކަށް ނުފެނޭ ވަގުތީ އަމުރެއް ނުނެރުނަސް. އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތަށް އުނިކަން އަންނާނެ ކަމަކަމަކަށް ދައުލަތަކަށް ނުފެނޭ. ދައުލަތުން އެދެނީ އެފަރާތުން ހުށަހަޅާކަންތައްތަކަށް ބައްލައިވައިފައި ފަނޑިޔާރުން މިކަމުގައި ގޮތެއް ނިންމައިދެއްވުން،"

ފުއްގިރި މައްސަލައިގައި ހެކިތަކެއް ބަލައިނުގަތުމަށާއި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ކުރިމިނަލް ކޯޓުން ނިންމި މައްސަލަ، ރައީސް ޔާމީންގެ އިތުރުން އެމައްސަލައިގައި ދައުވާކުރާ ކުރިކް ރިޒާގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވިއެވެ. އެކުއެކީގައި ކުރިއަށް ގެންދާ މި ދައުވާގައި، ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ މަޑުޖައްސައިލުމުގެ އަމުރެއް ނެރެދިނުމަށް ރިޒާގެ ފަރާތުން ވެސް މިއަދު ކުރިމިނަލް ކޯޓަށް ހުށަހެޅުއްވިއެވެ.