ރެއާލް މެޑްރިޑުން އެ ކްލަބުގެ ތާރީހުގައި 20 ވަނަ ފަހަރަށް ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފިއެވެ.
ރެއާލްއިން 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޮޕާ ޑެލް ރޭ ކާމިޔާބުކުރީ ރޭ ސެވިއްޔާ ދަނޑުގައި ކުޅުނު ފައިނަލުގައި 2-1 އިން އޮސަސޫނާ ބަލިކޮށްގެންނެވެ. މިދިޔަ ނުވަ ވަރަކަށް އަހަރު ދުވަހު ރެއާލްއިން ގިނަ ލީގު ތަށިތަކަކާއި ޗެމްޕިއަންސް ލީގުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެ ޓީމަށް އެ މުއްދަތުގެ ތެރޭގައި ކޮޕާ ޑެލް ރޭ ހޯދުން ވެފައި އޮތީ އުނދަގޫ ކަމަށެވެ. މިހާރު އޮތް ޓީމުގެ ކުޅުންތެރިންނަށް ނުލިބި އޮތް ތަށްޓެއްގެ ގޮތުގައި ކޮޕާ ޑެލް ރޭ އޮތް އިރު، ރޭގެ ފައިނަލަށް ނުކުތީ ޓްރޮފީ ކެބިނެޓް ފުރިހަމަ ކުރުމަށެވެ.
އަނެއްކޮޅުން އޮސަސޫނާ ނުކުތީ 103 އަހަރު ފަހުން ތަށްޓެއް ހޯދުމަށެވެ. 25،000 އޮސަސޫނާ ސަޕޯޓަރުން މެޗަށްވަދެފައިވާ އިރު، އެ ސަޕޯޓަރުންގެ އަޑު ފެނުނީ ބާރު ކޮށެވެ.
ރޭގެ މެޗުގެ ފެށުން ރެއާލްއިން ރަނގަޅުކުރިއެވެ. މެޗުގެ ދެވަނަ މިނެޓު ތެރޭގައި އެޓީމުން ލީޑު ނެގިއެވެ. 106 ވަނަ ސިކުންތުގައި ރޮޑްރީގޯ ގޯލު ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ވިނީޝިއަސް ޖޫނިއާގެ ދައުރު ވަރަށް ބޮޑެވެ. އަރިމަތިން އޮސަސޫނާގެ ދެ ކުޅުންތެރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ، ވިނީޝިއަސް ނަގައިދިން ހުރަސް ރޮޑްރީގޯ ގޯލަށް ވައްދާލީ ފަސޭހަ ކޮށެވެ. އެ ގޯލަކީ މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ސްޕެނިޝް ކަޕް ފައިނަލެއްގައި ފެނުނު އެންމެ އަވަސް ގޯލެވެ.
ދެވަނަ ހާފަށް ނުކުމެ އޮސަސޫނާގެ ލޫކަސް ޓޮރޯ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، 70 ވަނަ މިނެޓުގައި ރެއާލްއިން އަނެއްކާވެސް ލީޑު ނެގިއެވެ. ޓޯނީ ކްރޫސް ޖެހި ބޯޅަ އޮސަސޫނާގެ ގޯލްކީޕަރު ސޭވް ކުރި ނަމަވެސް، ރީބައުންސް ބޯޅައަށް އަރައި ރޮޑްރީގޯ ރެއާލްގެ ދެވަނަ ގޯލު ޖަހައިދީ ތަށި ޔަގީން ކޮށްދިނެވެ.