އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ކުޅުނު މެޗުގައި 1-0 އިން ކްރިސްޓަލް ޕެލެސް ބަލިކުރި އިރު، ލީޑްސް 2-1 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ޕެލެސް ބަލިކުރި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ހެރީ ކޭންއެވެ. ރޭގެ މެޗުގައި ކޭން ޖެހި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 209 ވަނަ ގޯލެވެ. އެ ގޯލާއެކު ކޭން ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

ކުރިން ލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތީ އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ އަތުގައެވެ. ރޫނީ 208 ގޯލު ޕްރިމިއާ ލީގުގައި ޖަހާފައިވާ އިރު، ކޭން އެ ރެކޯޑު މުގުރާލީ ރޫނީއަށްވުރެ 174 މެޗު މަދުން ކުޅެގެންނެވެ. ކޭން 209 ގޯލު ޕްރިމިއާ ލީގުގައި ހަމަކުރީ 317 މެޗުންނެވެ.

ކޭންއަށްވުރެ ކުރިން ޕްރިމިއާ ލީގުގެ ގޯލު ލިސްޓްގައި މިހާރު އޮތް ހަމައެކަނި ކުޅުންތެރިޔަކީ 2006 ވަނަ އަހަރު ރިޓަޔާކުރި އެލެން ޝިއެރާއެވެ. އޭނާ ޕްރިމިއާ ލީގުގައި 260 ގޯލު ޖަހާފައިވާ އިރު، ޝިއެރާ އެ އަދަދަށް ގޯލު ޖެހީ ނިއުކާސަލްއާއި ބްލެކްބާންއަށް ކުޅުނު 441 މެޗުންނެވެ.

ރޭގެ މެޗަށްފަހު ކޭން ބުނީ ރޫނީ ކަހަލަ ކުޅުންތެރިއެއްގެ ގޯލު ރެކޯޑު މުގުރާލެވުމަކީ ހާއްސަ ކަމެއް ކަމަށާއި ރޫނީއަކީ އިންގްލެންޑްގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ކޭންގެ ރެކޯޑް ގޯލާއެކު ޓޮޓެންހަމްގެ ކޯޗުކަމުގައި ވަގުތީ ގޮތުން ހުރި ރަޔަން މޭސަން ބުނީ ހެރީ ކޭންއަކީ ގުދުރަތީ ގޮތުންވެސް ގޯލު ޖެހުމުގެ ހުނަރެއް ހުރި ކުޅުންތެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އުމުރުން 29 އަހަރުގެ ކޭންގެ އިތުރު ރެކޯޑުތައްވެސް ފެންނާނެ ކަމަށެވެ.

އޭގެ އިތުރުން މޭސަން ބުނީ ކޭންގެ ފަރާތުން ޓީމަށް ލިބޭ ހަމައެކަނި ފައިދާއަކީ ގޯލުތަކެއް ނޫން ކަމަށާއި ކޭންގެ ލީޑާޝިޕާއެކު އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ހިތްވަރު ލިބޭ ކަމަށެވެ.

ޓޮޓެންހަމަށް އުނދަގޫކޮށްދާ މި ސީޒަންގައިވެސް ކޭން މިހާތަނަށް ލީގުގައި 26 ގޯލު ޖަހާފައިވާ އިރު، އެ ޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު އޮތީ އުނދަގޫ ކޮށެވެ. މިހާތަނަށް ކުޅުނު 35 މެޗުން 57 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު، ފަސްވަނައިގައި އޮތީ 35 މެޗުން 62 ޕޮއިންޓާއެކު ލިވަޕޫލެވެ. ހަތަރުވަނައިގައި ޔުނައިޓެޑް އޮތީ 33 މެޗުން 63 ޕޮއިންޓާ އެކުގައެވެ.

ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓް ނެގި އިރު، އެ ޓީމު އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އާސެނަލަށް 34 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ލީގުގައި ސިޓީއާއި އާސެނަލަށް ބާކީ ހަތަރު މެޗު އޮތް އިރު، ސިޓީ ލީގު ދިފާއުކުރުމާ ގާތަށް ޖެހިލީ އަމިއްލަ ކޮންޓްރޯލުގައި ލީގު ރޭހުގެ ބާރު އޮތުމުންނެވެ.

ރޭ ސިޓީން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން އިލްކާއީ ގުންޑޮގަން ޖެހި ދެ ގޯލާއެކު ސިޓީން ލީޑު ކުރަމުންދިޔަ އިރު، 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި ގުންޑޮގަން ޖެހި ބޯޅަ ކާމިޔާބެއް ނުވިއެވެ. އޭގެ ސަބަބުން ލީޑްސްއަށް ހިތްވަރު ހޯދަން ފުރުސަތު ލިބުނެވެ. މެޗުގެ 85 ވަނަ މިނެޓުގައި ލީޑްސްގެ ރޮޑްރީގޯ ގޯލެއް ޖެހި ނަމަވެސް މެޗުން ސިޓީ މޮޅުވިއެވެ.

ސިޓީއަށް މިހާތަނަށް ސީޒަންގައި 51 ގޯލު ޖަހައިދީފައިވާ އާލިން ހާލަންޑަކީ އެ ޓީމުގެ ޕެނަލްޓީތައް އާންމުކޮށް ޖަހާ ކުޅުންތެރިޔާ ނަމަވެސް، ރޭގެ މެޗުގައި އޭނާ ވަނީ ގުންޑޮގަން ހެޓްރިކަށް ފުރުސަތު ދޭން ޕެނަލްޓީ ޖެހުމަށް އޭނާ އަތަށް ދީފައެވެ. އެކަމުގައި ގާޑިއޯލާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

"މެޗުގެ ނަތީޖާ ޔަގީންވެފައެއް ނޫން އޮތީ. މައްސަލައެއް ނެތް، އޭގެން ފެނުނީ ހާލަންޑްގެ ހިތްތިރިކަން. އެކަމަކު އެހެން ދޭން ޖެހޭނީ 10 ވަރަކަށް މިނެޓަށް ވެފައި އޮއްވާ ހަތަރު ވަރަކަށް ގޯލުގެ ލީޑެއްގައި އޮތްނަމަ. އެކަމަކު 2-0 ގައި އޮއްވާ، އިންގްލެންޑްގެ ލީގުގައި އެއީ މެޗުގެ ނަތީޖާ ޔަގީންވެފައި އޮތުމެއް ނޫން. ހާލަންޑަކީ މި ވަގުތު އެންމެ ރަނގަޅަށް ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ. އެހެންވީމަ އޭނާ ޖެހޭނީ ޕެނަލްޓީ ޖަހަން. ޕެނަލްޓީ އަބަދުވެސް ޖަހަން ޖެހޭނީ އެ ޖަހަން ކަނޑައަޅާފައި ހުންނަ ކުޅުންތެރިއެއް. ގުންޑޮގަންއަކީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާއެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

މެޗަށްފަހު ގުންޑޮގަން ބުނީ ހާލަންޑް ކައިރީ ޕެނަލްޓީ ޖަހަން ބުނި ނަމަވެސް އޭނާ ބޯޅަ ދިނުމުން ޒިންމާ ނެގި ކަމަށާއި މެޗަށްފަހު ގާޑިއޯލާގެ ނުރުހުން ދެ ކުޅުންތެރިންނަށްވެސް އަމާޒުވި ކަމަށެވެ.

ގާޑިއޯލާ ބުނީ ގުންޑޮގަން ޒިންމާ ނެގި ނެގުން ގޯސް ނުކުރާ ކަމަށާއި ނަމަވެސް އެ ހާލަތުގައި ހެދީ ގޯހެއް ކަމަށެވެ. އަދި މެޗުގައި ހާލަންޑްގެ ގޯލެއް ނުފެނުނު ނަމަވެސް ކުޅުމަށް ތައުރީފު ކުރާ ކަމަށްވެސް ކޯޗު ގާޑިއޯލާ ބުންޏެވެ.