މާލެއިން ފުރައިގެން ދ. އަތޮޅަށް ދަތުރުކުރަނިކޮށް ރާޅެއް އަރައި، ނުދުއްވިގެން ކޯސްޓުގާޑުގެ އެހީއަށް އެދުނު ލޯންޗު ދ. މީދޫއަށް ވަދެއްޖެ އެވެ.

ދ. މީދޫގައި ދުއްވާ "ވިޝަން އެކްސްޕްރެސް" އަށް ރާޅެއް އަރައި، ނުއްދުވިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުނު ކަމަށް ކޯސްޓު ގާޑުން ބުނެފައި ވަނީ މިއަދު ހަވީރު އެވެ. އެ ލޯންޗު މާލެއިން ފުރި ކަމަށް ވަނީ މިއަދު މެންދުރުއެވެ. އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދީން ހިމެނޭހެން 30 މީހުން އެބަ ތިބި ކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.

އޭގެ ފަހުން ލޯންޗާ ގުޅުން ކެނޑިފައިވާ ކަމަށް ހަވީރު 5:49 ގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.

ލޯންޗުގައި ދަތުރުކުރި ޕަސެންޖަރަކާ "ވަން" އަށް ވަނީ ދާދި ދެންމެ ގުޅިފައެވެ. އޭނާ ބުނީ މޫސުން ގޯސްވެ ވަރުގަދަ ވިލާގަނޑެއް ޖެހުނީ ފ. އަތޮޅާ ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ލޯންޗުގައި ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. މޫސުން ރަނގަޅު ނަމަ މާލެއިން ފުރާތާ ދެގަޑި ބަޔާއި ތިންގަޑިއިރާ ދެމެދުގެ ވަގުތެއްގެ ތެރޭގައި މީދޫއަށް ވަދެވޭނެއެވެ. އެހެން ނަމަވެސް އެ ލޯންޗަށް މީދޫއަށް ފޯރާފައި ވަނީ ހައެއްކަ ގަޑިއިރުންނެވެ.

ލޯންޗުން ދަތުރުކުރި ޕަސެންޖަރު ބުނީ މޫސުން ގޯސްވެ ވަރުގަދަ ވިލާގަނޑެއްގައި ޖެހުނީ ފ. އަތޮޅާ ކައިރިވެފައި ވަނިކޮށް ކަމަށެވެ. ލޯންޗަށް ރާޅު އެރީ އެ ވިލާގަނޑުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.