ގިނަ އަދަދެއްގެ މީހުން ގޮވައިގެން މާލެއިން ދ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް ދިޔަވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ދިޔަވަމުންދަނީ މިއަދު މެންދުރު 1:00 ހާއިރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ "ވިޝަން އެކްސްޕްރެސް" ކިޔާ ލޯންޗެކެވެ.
އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން" އަށް ދެންމެ ވިދާޅުވީ، އެ ލޯންޗަށް ރާޅެއް އަޅައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ލޯންޗަށް ރާޅެއް އަރައިފައި ވަނީ ފ. ފީއައްޔާއި ދިމާލުން ހަތްވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެ ލޯންޗުގައި 30 މީހުން ތިބި ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނޭ ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ، އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ. ފިލިތެޔޮ ރިސޯޓުން އުޅަނދެއް ފުރުވާލައިފައިވާ ކަމަށެވެ. މި ހާދިސާގައި، އެ ލޯންޗުގައި ތިބި މީހަކަށް އެއްވެސް އަނިޔާއެއް ވީކަން އަދި އެނގިފައި ނުވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
(އިތުރު ތަފްސީލު އަންނަނީ)
ޚަބަރު
ޚަބަރު