ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހިމެނޭގޮތުން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ އިސް ބޭފުޅުން ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ބައްދަލު ކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާބެހޭގޮތުން އިތުރަށް މަޝްވަރާ ކޮށްފިއެވެ.
މިއަދު ހެނދުނު މި ބައްދަލުވުން ކުރިއަށްދިޔައީ އާއްމުކޮށްވެސް ގާސިމް އާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދާ އޭނާގެ އަމިއްލަ ރިސޯޓު ސަން އައިލެންޑްގައެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެމްޑީޕީގެ ފިކުރުގެ ދިރުމާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހެނދުނު ސަން އައިލެންޑްގައި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
"މިއީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއި، ޖޭޕީއާއެކު ކުރިއަށްދާ ސިލްސިލާ ބައްދަކުވުންތަކުގެ ތެރެއިން ބައްދަލުވުމެއް،" ކަމަަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވިއެވެ. އަދި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ހޯދުށް، އީވާއާއި ހަސަން ލަތީފާ ގުޅުމުން އަދި ފޯނު ނުނަންގަވާތީ މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކާ ބެހޭ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
މި ބައްދަލުވުމުގައި އީވާގެ އިތުރުން ރައީސް ނަޝީދުގެ ފެކްޝަނުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެސްޓީސޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހިމެނިވަޑައިގަންނަވައެވެ.
ޖޭޕީގެ ފަރާތުން ޕާޓީގެ ލީޑަރުގެ އިތުރުން ދެން ބައިވެރިވެ ވަޑައިގެންނެވީ، ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދުގެ އިތުރުން އަހުމަދު ނިހާނު ހުސެއިން މަނިކެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން ނިންމައި، ރައީސް ނަޝީދުގެ ފިކުރެއްގެ ގުޅުމުން ގެންދަނީ ގާސިމް އާއެކު ކޯލީޝަން ހަދަން މަޝްވަރާ ކުރަމުންނެވެ.
އެކަމަށް ޓަކައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ގާސިމަށް ހުށަހެޅުންތަކެއްވެސް ހުށަހަޅުއްވައިފައެވެ.
އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާކަމަށް ބަދަލު ކުރުމެވެ. ގާސިމް އިބްރާހީމް މީގެ ކުރީން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އޭނާ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު