ވަގު ނޫޓު ގެންގުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ވަގު ނޫޓު ގެންގުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް (38) އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ކައުންޓާފީޓް ނޫޓް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ އޭނާ ބަންދުކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީއެވެ. އެގޮތުން ފުލުހުން ވަނީ ހާދިސާ ރިޕޯޓް ހުށަހަޅައިފައެވެ.

ވަގު ނޫޓް ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން އެއްވެސް ބާވަތެއްގެ ކުށަކާ ގުޅިގެން ހައްޔަރުކޮށްފައިނުވާ މީހެއް ކަމަށް އަމުރުގައި ބުންޏެވެ.

ފުލުހުން ވަގު ނޫޓު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި މިވަނީ، ވަގު ޑޮލަރު ގެންގުޅޭ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުގައި އެދިފައި ވަނިކޮށެވެ.

އެމްއެމްއޭއިން މައްސަލަ ބަލައިދިނުމަށް އެދުނީ ޓެލެގްރާމް ގްރޫޕެއްގައި ވަގު ޑޮލަރު ވިއްކާ ކަމަށް އިސްތިހާރު ކުރަމުން ދަނިކޮށެވެ.