ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިޔަށްގެންދާ ތިންވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރައި، އިގުތިސޯދު ބާރަށް ކުރިއަރައިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފެށުމަށް ކުރުނބާ ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ޓޫރިޒަމް ގައުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ މެހުމާންދާރީ ކަމަށެވެ. ރާއްޖެ ފަތުރުވެރިކަމުގެ އެންމެ މަތީގެ ފަންތީގެ އެއް ގައުމަށް ވެގެން ދިޔައީ ފަތުރުވެރިންނާމެދު ބަހައްޓާ ގާތްކަމާއި މެހުމާންދާރީގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ މުޅިން އާ ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަތޭކަ މިލިއަން މީހުންނާ ހަމައަށް ވާސިލުވުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ އެ ކެމްޕެއިންގައި ގިނަ އަދަދެއްގެ ބަޔަކާ ހަމައަށް ފޯރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިއަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކުރި ކަމަށާއި އެއީ ރިކޯޑް އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އަޅައި ބަލާއިރު، އެއީ 12.6 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި، ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިންމު ދައުރުގެ ސަބަބުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.