އުމުރުން 19 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ހޯދުމަށް ކްލަބުތަކުން ކުރަމުން އަންނަ މަސައްކަތުގައި ރެއާލް މެޑްރިޑުން ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

ޑޯޓުމަންޑަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. އޭނާ ހޯދަން ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން އަންނަ އިރު، ބެލިންހަމް ހޯދުމަށް ކްލަބުތަކުން އެންމެ ބޮޑަށް މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕްގައި އޭނާ އިންގްލެންޑުގައި ދެއްކި މޮޅު ކުޅުމާވެސް އެކުގައެވެ.

ބެލިންހަމް ވޯލްޑް ކަޕްގައި ރަނގަޅަށް ކުޅެފައިވުމާއެކު އޭނާގެ ކްލަބު، ޑޯޓުމަންޑުން ވަނީ ބޮޑު އަގެއް ޑިމާންޑް ކޮށްފައެވެ. ޑޯޓުމަންޑުން ބެލިންހަމްއަށް 150 މިލިއަން ޔޫރޯ ކިޔާފައިވާ އިރު، ލިވަޕޫލް ފަދަ ކްލަބުތަކުން އޭނާ ހޯދުމުގެ ރޭހުން ބޭރުވީ އަގުބޮޑުވުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބެލިންހަމް ގެންދަން ރެއާލްއިން ހުށަހެޅި އަގަކީ 100 މިލިއަން ޔޫރޯއެވެ. އެ އަގާއެކު ރެއާލްއިން ބޭނުންވަނީ ޑޯޓުމަންޑާއެކު މަޝްވަރާ ކުރުމަށެވެ.

ހަބަރުތައް ބުނީ ރެއާލްއިން ބެލިންހަމް ގެންދިޔުމުގައި ފުރިހަމަ އިތުބާރާއެކު ތިބި ކަމަށާއި، ބެލިންހަމް ޑޯޓުމަންޑާއެކު އިތުރު އެއްބަސްވުމަކަށް ނުގޮސް މަޑުކުރަމުން އަންނަ ސަބަބަކީވެސް ރެއާލްއިން ހުށަހަޅާ ހުށަހެޅުމުގެ ސަބަބުން ކަމަށެވެ.

ރެއާލްގެ އިތުރުން މިހާރުވެސް މެންޗެސްޓާ ސިޓީން އަންނަނީ ބެލިންހަމްއަށް މަސައްކަތް ކުރަމުންނެވެ.

ބެލިންހަމް އުމުރުން 17 އަހަރުގައި ޑޯޓުމަންޑަށް ދިޔައީ ދެވަނަ ޑިވިޝަނުގައި ބާމިންހަމްއަށް ސީޒަނެއް ކުޅުމަށްފަހުއެވެ. ޑޯޓުމަންޑުން ބެލިންހަމް ގެންދިޔައީ 25 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެ އަގަކީ 17 އަހަރުގެ ކުޅުންތެރިޔަކަށް ރެކޯޑު އަގެކެވެ. ބެލިންހަމް އެއް ސީޒަނަށް ބާމިންހަމްގައި ކުޅުމަށްފަހު ކްލަބު ދޫކޮށްލުމާއެކު ބާމިންހަމްއިން އޭނާގެ ޖާޒީ ނަންބަރު ރިޓަޔާކޮށްފައިވާ އިރު، އެކަމަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ.

ބެލިންހަމް މިހާތަނަށް ސީޒަނުގައި ކުޅުނު 40 މެޗުގައި 11 ގޯލު ޖަހައި ހަތް އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ.