ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ، ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އުމުރުން 38 އަހަރުގެ ރޮނާލްޑޯ އެ ލިސްޓްގެ އެއްވަނައަށް ޖެހިލީ މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އޭނާއަށް 108.7 މިލިއަން ޕައުންޑް ޖެހިފައިވުމުންނެވެ. މިއީ 2017 ވަނަ އަހަރަށްފަހު ރޮނާލްޑޯއަށް ފޯބްސް، އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ލިސްޓުގެ އެއްވަނައަށް އެރުނު ފުރަތަމަ ފަހަރެވެ.
ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ ސްޕޮންސާޝިޕް ގިނަ އެއް ކުޅުންތެރިޔާއަށްވެސް ވެފައިވާ އިރު، އޭނާ މިފަހަރު ލިސްޓްގެ އެއްވަނައަށް އެރީ ސައުދީގެ އަލް ނަސްރުން ހަދާފައިވާ ބޮޑު މުސާރައިގެ އެއްބަސްވުމުގެ ސަބަބުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރީ އަހަރެއްގެ މައްޗަށް 176.5 މިލިއަން ޕައުންޑް ޖެހޭ އެއްބަސްވުމެއްގައެވެ. އެހެންކަމުން މިއަހަރު ނިމޭއިރުވެސް ރޮނާލްޑޯ ލިސްޓްގެ އެއްވަނައިގައި އޮންނާނެ ކަމަށް ބެލެވެއެވެ.
ރޮނާލްޑޯގެ ފަހަތުން ލިސްޓްގެ ދެވަނައިގައި އޮތީ ވާދަވެރިޔާ، އުމުރުން 35 އަހަރުގެ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީއެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީއަށް މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި 103.9 މިލިއަން ޕައުންޑް ޖެހިފައިވެއެވެ.
ފޯބަސްއިން އިއުލާނުކުރާ ދުނިޔޭގެ އެންމެ މުސާރަ ބޮޑެތި އެތުލީޓުންގެ ލިސްޓްގައި ފާހަގަކޮށްލެވޭ އިތުރު ނަންތަކަށް ބަލާ އިރު، ބާސްކެޓް ބޯޅަ ތަރި ލެބްރޯން ޖޭމްސްއާއި ބޮކްސިންގެ ތަރި ކަނޭލޯ އަލްވަރޭޒް އަދި 20 ގްރޭންޑް ސްލޭމް ހޯދާފައިވާ ރޯޖާ ފެޑެރާ ހިމެނެއެވެ.
ފެޑެރާ ލިސްޓްގެ ނުވަ ވަނައިގައި އަދިވެސް އޮތް އިރު، އޭނާއަކީ ރިޓަޔާ ކޮށްފައިވާ އެތުލީޓުންގެ ތެރެއިން ގަދަ 10 ގައި ހިމެނޭ ހަމައެކަނި އެތުލީޓެވެ.
އޭގެ އިތުރުން ދެން ލިސްޓްގެ ގަދަ 10 ގައި ހިމެނޭ ނަންތަކަކީ ގޮލްފް ކުޅުންތެރިން ކަމަށްވާ ޑަސްޓިން ޖޯންސަންއާއި ފިލް މިކެލްސަންއެވެ. އެ ދެ ގޮލްފް ކުޅުންތެރިންނަކީ 2020 ވަނަ އަހަރު ޓައިގާ ވުޑްސްއަށްފަހު، ފޯބަސް ލިސްޓްގެ ގަދަ 10 ގައި ހިމެނުނު ހަމައެކަނި ގޮލްފް ކުޅުންތެރިންނެވެ.
ޖޯންސަން ލިސްޓްގައި ކުއްލިއަކަށް މައްޗަށް ޖެހިލީ ދާދިފަހުން ސައުދީން ފަންޑު ކޮށްގެން ބޭއްވި އެލްއައިވީ ގޮލްފް އިންވިޓޭޝަނަލް ސީރީސްގެ ސަބަބުންނެވެ. އެ މުބާރާތަކީ ސައުދީން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ އަގުބޮޑު މުބާރާތެއް ކަމަށްވީ އިރު، އެކަމަށް ވަރަށް ބޮޑަށް ހުޅަނގުން ވަނީ ފާޑުވެސް ކިޔައިފައެވެ.
ފޯބްސްއިން ނެރޭ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓް އާންމުކުރާ ކުޅިވަރުން ކުޅުންތެރިންނަށް ލިބޭ މުސާރައިގެ އިތުރުން އިނާމު ފައިސާގެ އަދަދާއި، ބޯންސްތަކުގެ އަދަދުގެ އިތުރުން ސްޕޮންސާޝިޕް ފައިސާއާއި އެޕިއަރެންސްތަކުން ލިބޭ ފައިސާގެ އަދަދުތަކުގެ ޖުމުލައަށް ބަލައިގެންނެވެ.