އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ ހެކިބަސް ނެގުމަށް، މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ސަން ކުންފުނިތަކުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމު، އަންނަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން އިއްވަން ޖެހޭ އިފްތިތާހީ ބަޔާން އިއްވުމަށް މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ވެސް އެ ބަޔާން އިއްވުމަށް ރައީސް ޔާމީންގެ ފަރާތުން އިންކާރު ކުރެއްވުމަށްފަހު، މިއަދުގެ އަޑުއެހުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ބަޔާން އިއްވުމުން، ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މައްސަލައިގެ ހެކިބަސް ނެގުމުގެ ފުރަތަމަ އަޑުއެހުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށް ތާވަލު ކުރައްވާނެ ކަމަށެވެ. އެދުވަހު ހަ ފަރާތެއްގެ ހެކިބަސް ނަގަން ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އެމްޑީއޭގެ ލީޑަރުގެ ގޮތުގައިވެސް ހުންނެވި ސިޔާމް ހިމެނި ވަޑައިގަންނަވައެވެ. ސިޔާމުގެ އިތުރުން އެމަނިކުފާނާ އަރިސް ބޭފުޅެއް ކަމަށްވާ، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފުގެ ހެކިބަސްވެސް އެދުވަހު ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ފަރާތުން ވަނީ، ހެކިބަސް ނެގުމުގެ ކުރިން ޝަރީއަތަށް އިއުތިރާޒެއް ހުށަހަޅަން ނިންމައިފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން، ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމުގެ އިއުތިރާޒެއް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެކަމާ ގުޅިގެން، މާދަމާ ހެނދުނު 10:00 ގެ ކުރިން އެ އިއުތިރާޒު ލިޔުމުން ހުށަހެޅުއްވުމަށް ގާޒީ ވަނީ އަންގަވައިފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ހުށަހެޅި މިފަދަ ނިންމުމަކަށް ބަދަލު ނުގެނުމަށް ގާޒީ ނިންމެވި މައްސަލަ ހައިކޯޓަށްވެސް ހުށަހެޅިއެވެ. އެއީ ރައީސް ޔާމީންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކެއް ބަަލައިނުގަތުމަށް އެ ކޯޓުން ނިންމި މައްސަލައެކެވެ. ނަމަވެސް އެ މައްސަލައިގައި ހައިކޯޓުންވެސް ތާއީދު ކުރީ ކުރިމިނަލް ކޯޓުގެ ނިންމުމަށެވެ. އެހެންކަމުން ހައިކޯޓުގެ އެ ނިންމުން ރައީސް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.