ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި އިއްޔެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 20 އަހަރުގެ ފިރިހެނަކަށެވެ.

"ވަން" އަށް ލިބިފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެކްސިޑެންޓް ވެފައިވަނީ ޖީއެން ސައިކަލެއް ދުއްވާފައި ދިޔަ ޒުވާނަކަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެ، އޭނާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ހުއްޓެވެ.

އެ މީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ.

"ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓުވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.