އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ހުއްދަނެތި ސައުދީ އަރަބިއާއަށް ދިޔުމުން ޕީއެސްޖީން އޭނާ ސަސްޕެންޑްކޮށްފިއެވެ.
ޕީއެސްޖީން އެންމެފަހުން ލީގުގައި ލޮރީއޭންއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު މެސީ ސައުދީއަށް ގޮސްފައި ވަނީ ޕްރޮމޯޝަނަލް ދަތުރެއްގައެވެ. ސައުދީގެ ޓޫރިޒަމް ޕްރޮމޯޝަންގެ މަސައްކަތްތަކެއް މެސީ މިހާރު ކުރަމުންދާ އިރު، އެ ދަތުރުގެ ބައެއް ފޮޓޯތައް މެސީ ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާ ކޮށްފައެވެ.
މެސީ، ސައުދީއަށް ދިޔުމާ ގުޅިގެން އެކަމުގައި އަދަބު ދިނުމަށް ޕީއެސްޖީން އޭނާ ސަސްޕެންޑް ކުރީ ދެ ހަފުތާގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަވެސް ނުހިނގާ ގޮތަށެވެ. އެ މުއްދަތުގެ ތެރޭގައި ޓީމާއެކު މެސީއަށް ތަމްރީނުތަކުގައިވެސް ބައިވެރިނުވެވޭނެއެވެ. އަދި މެސީއަށް މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ސައުދީއަށް ދިޔުމަށް ހުއްދަ ހޯދަން މެސީ، ޕީއެސްޖީގެ ކިބައިން ރަސްމީކޮށް އެދުނެވެ. ސައުދީއާއެކު ވެފައިވާ ކޮމާޝަލް އެއްބަސްވުންތަކުގެ ސަބަބުން ޕްރޮމޯޝަންގެ މަސައްކަތްތަކެއް ކުރަން މެސީއަށް މަޖުބޫރުވާ އިރު، މެސީ މިފަހަރު ސައުދީއަށް ދާން ޕީއެސްޖީން ހުއްދަ ދީފައެއް ނުވެއެވެ.
އާޖެންޓީނާއާ އެކު ދާދިފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 35 އަހަރުގެ މެސީ، މިހާތަނަށް ޕީއެސްޖީއާ އެކު ކުޅުނު 71 މެޗުގައި 31 ގޯލު ޖަހައި 34 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއާ އެކު މެސީ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަށް ޕީއެސްޖީއާ އެކު ނުހޯދި އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުން މިފަހަރު ވެސް ޕީއެސްޖީ ކެޓުމާއެކު ބައެއް ސަޕޯޓަރުން ވަނީ އެކަމުގެ ނުރުހުމުގައި މެސީއަށްވެސް ފާޑު ކިޔައިފައެވެ.
ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އެ ކްލަބުން ދަނީ މެސީއަށް އިތުރު އެއްބަސްވުމެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެކަމުގައި އަދި ވަކި ގޮތަކަށް މެސީ ވާހަކަ ދައްކާފައިނުވާ އިރު، ބާސެލޯނާއިން ދަނީ މެސީ އަލުން އެ ކްލަބަށް ގެންދަން މަސައްކަތްތަކެއް ކުރަމުންނެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ