މުޅިން އަލަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ސެޓްއަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހު 15 އަށް ކަމަށެވެ. ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ އެކުއިޒިޝަންސް މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ މިއީ އެއްވެސް ސެޓަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

"ދިރާގު ފައިބާ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތައް ހިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.