ހުޅުމާލޭގައި ހިންގަމުންދާ ކޭ-ޕާކް ފްލެޓްގެ މަޝްރޫއު ނުހުއްޓޭނެ ކަމުގެ ޔަގީންކަން އެ މަޝްރޫއު ހިންގައި މައި ކުންފުނި، ހަމްބޯ ޓެކް ކޮރެއާއިން ދީފިއެވެ.
ހަމްބޯ ޓެކް ކޮރެއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް އެ ކުންފުނިން އެޗްޑީސީ (އާބަންކޯ) އާއެކު އެއްބަސްވުމުގައި ސޮއިކުރީ ނުވައެއް އޮކްޓޯބަރު 2016 ގައި ކަމަށެވެ. އަދި އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ހަމަޖެއްސި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މައްސަލަ ޖެހިގެން އުޅެނީ ކޭޕާކުގެ ލޯކަލް ކުންފުނި، ހަންބޯ މޯލްޑިވްސްގެ ހިއްސާދާރުންގެ މެދުގައި ކަމަށާއި ދެ ކުންފުނިން ހަދާފައިވާ އެގްރިމަންޓު މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ ސަބަބުން ކޭ-ޕާކް ފްލެޓް މަޝްރޫއު ނުހުއްޓޭނެ ކަމަށާއި އެމަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހަމްބޯ ޓެކް ކޮރެއާއިން ބުންޏެވެ.
ހަންބޯއިން ބުނީ ފްލެޓްގެ މަސައްކަތް އެކީ ނިންމައި މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދާ މުއްދަތުގައި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ކަސްޓަމަރުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފު ކުރުމަށާއި ޝަކުވާ ހުށަހެޅުމަށް ވަކި އޮފީހެއް ކޭ-ޕާކް ރެސިޑެންސް މަސައްކަތު ސައިޓުގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ.
އެހެންކަމުން މީގެ ފަހުން އެ ކުންފުންޏާ ކުރަންޖެހޭ މުއާމަލާތްތަކާއި ފައިސާ ދެއްކުންފަދަ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ އެ އޮފީސް މެދުވެރިކޮށް ކަމަށެވެ. އަދި ޝަކުވާތައް ލޯކްރާފްޓް ލޯފާމް އެލްއެލްޕީގެ [email protected] އަށް މެއިލް ކުރުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.
ކޭޕާކްގެ ލޯކަލް ކުންފުނީގެ ހިއްސާދާރުންނަށް ތިބެނީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އާއި ހަސަން މަމްދޫހު (މަންޑޭ) އެވެ.
ހަމްބޯ ޓެކް ކޮރެއާއިން މިއަދު ވަނީ ކޭޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމުގެ ތުހުމަތު މަންޑޭއަށް ކޮށްފައެވެ. އަދި އެމައްސަލަ ބެލުމަށް އެދި ފުލުހަށްވެސް މިއަދު ވަނީ އެކުންފުނިން ހުށަހަޅައިފައެވެ.
އެގޮތުން ގިނަ ބަޔަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މަންޑޭ އެކަން ކޮށްފައިވަނީ ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓް ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަމަށްވެސް ހަމްބޯ ޓެކް ކޮރެއާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު