އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު ނުވަވަނަ ދުވަހަށް 18 އަހަރު ފުރޭ މީހުންނާއެކު އިންތިހާބުގައި ވޯޓުލެވޭ 282،755 މީހުންގެ ލިސްޓު، އެ ކޮމިޝަންގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ކަމަށާއި އެ ލިސްޓު ކައުންސިލުތަކުގެ އިދާރާއިން ވެސް ބެލޭނެ ކަމަށެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށާއި އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ލިސްޓު އާންމު ކުރުމުގެ ކުރިން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން މިހާރު ތައްޔާރުކުރެވިފައިވާ ރަޖިސްޓަރީ އާންމުކުރެވިފައިވާ ކަމަށެވެ.

އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލައިފިއެވެ.

އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެން ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑީގައި، އެ ކޮމިޝަންގެ މައި އިދާރާގެ ކައުންޓަރުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް އީސީން ބުންޏެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.