މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62އ، ގެ ހަށިގަނޑު ފެނުނު ތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިފައިވާކަން އެނގިއްޖެއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން، އާއިލާގެ ބަޔަކާއި ފުލުހުން ގޮސް އަންނާރުމާގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަން އިރުގައެވެ. އެއިރު ލެއިން ތަތްތެޅިފައި ތަޅުންގަނޑުމަތީގައި ނައީމާގެ ހަށިގަނޑު އޮތެވެ. ނައީމާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ކަރުންވެސް ފުން ޒަހަމްތަކެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.

ނައީމާގެ މާރުގެ ތަހުގީގު ކުރިއަށްދާ އިރު، ގިނަ އަދަދެއްގެ ފޮރިންސިކް ހެކި ފުލުހުން ވަނީ ހޯދައިފައެވެ. އެގޮތުން ހޯދި ފޮރިންސިކްސްގެ އަދަދު 200 އަށް އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް އާއި ފިންގާ ޕްރިންޓާއި ވަޅިއަކާއި ސީސީޓީވީ ފޫޓޭޖުގެ އިތުރުން ނައީމާގެ އަތުގެ ގޮށްމުށު ތެރެއިން ފެނުނު އިސްތަށިތަކެއްވެސް ހިމެނޭކަން އެނގިފައިވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާ މަރުވެފައި އޮއްވައި ފެނުނު ތަނުން ވަނީ އެހެން މީހެއްގެ ޑީއެންއޭވެސް ފެނިފައެވެ. އަދި އެއީ ކާކުގެ ޑީއެންއޭއެއްތޯ ބެލުމަށް ކްރޮސްމެޗު ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް އެނގިފައިވެއެވެ.

ނައީމާގެ މަރާ ގުޅޭ ގޮތުން މަނަދޫގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، ނައީމާގެ މަރަކީ މަނަދޫގެ ތާރީހުގައިވެސް ހިނގައި ދިޔަ އެންމެ އަނިޔާވެރި މަރެވެ. އެ މަރާ ގުޅިގެން މަނަދޫގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ ޓީމަކުން ވަނީ ނައީމާގެ އާއިލާއަށްވެސް މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު ވަނީ މަނަދޫ ސަހަރާގައި ވަޅުލައިފައެވެ.