މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އާއި އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި، ކޯލިޝަން ގާނޫނެއް ހެދުމަށާއި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދެމެހެއްޓުމަށް ހުށަހަޅާފައި ވާނެ ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.

އެހެން ނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާ މެދު ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ރޭގެ ބައްދަލުވުން އޮތީ އެމްއާރްއެމްގެ އޮފީހުގަ އެވެ.

ރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން "ވަން" އިން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން އެމްއާރްއެމްގެ ރައީސް، އަހުމަދު ފާރިޝް މައުމޫން މިއަދު ވިދާޅުވީ، ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާ ބައެއް ކަންކަން ރޭގެ ބައްދަލުވުމުގައި ހުށަހެޅުއްވި ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމަކަށް އެމްއާރްއެމް އިން ތާއީދު ނުކުރާ ކަމަށާއި، އެފަދަ ކަމެއް މިދިޔަ ދުވަސްތަކުގެ ތެރޭގައި ކޮށްފައި ވޭތޯ ބެލުމަށް ބައެއް މައުލޫމާތު ހޯދުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"އެފަދަ ކަމެއް ކޮށްފައިވާކަން އެނގޭނަމަ އެ ބަޔަކާ އެކު އުފެދޭ ސަރުކާރެއްގައި ބައިވެރި ނުވާނެ ކަމަށް އަޅުގަނޑުމެން ބުނިން. އެއީ އަޅުގަނޑުމެންގެ ވަރަށް ސާފު ނިންމުމެއް." ފާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯލިޝަން އެއްބަސްވުމަށް އިތުބާރު އުފައްދަން ޖެހޭ ކަމަށާއި މިހާތަނަށް އައިއިރު އެކަން ވެފައި ނެތް ކަމަށެވެ. ކޯލިޝަން އެއްބަސްވުން ކުރިޔަށް ދަނީ އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ކަމަށް އެމްއާރްއެމްގެ މެންބަރުންވެސް އަދި އާންމު ރައްޔިތުންވެސް ގަބޫލު ނުކުރާ ކަމަށް ފާރިޝް ވިދާޅުވި އެވެ. އެހެން ކަމުން ކޯލިޝަން ގާނޫނެއް ގެންނަން ރޭގެ ބައްދަލުވުމުގައި ހުށަހެޅުއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"އެ އިތުބާރު ނުކުރެވޭ ނެމަ، ނުވަތަ އިތުބާރު ނުއުފެއްދޭ ނަމަ ކޯލިޝަން ސަރުކާރަކަށް ރައްޔިތުން ތާއީދެއް ނުކުރާނެ. އެހެންވެ އަޅުގަނޑުމެންގެ އެއް ހުށަހެޅުމަކީ ކޯލިޝަން ގާނޫނެއް ހެދުން. އެ ކަމަށް ވިސްނަވާނެ ކަމަށް އެ ބޭފުޅުންވެސް ވިދާޅުވި." ފާރިޝް ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި އެއީ ރައްޔިތުންނަށް ވެސް އަދި ދިވެހި ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ވާނެ ނިޒާމު ކަމަށެވެ. އެހެން ކަމުން އެ ނިޒާމަށް ވެރިކަން ދެމެހެއްޓޭނެ ކަމުގެ ޔަގީން ކަމަކީ އެމްއާރްއެމް އިން ހޯދަން ބޭނުންވާ ޔަގީން ކަމެއް ކަމަށާއި އެކަން ވެސް ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވި ކަމަށެވެ. އެކަމާ މެދު އެމްޑީޕީ އޮތީ ވަރަށް "ޕޮޒިޓިވް"ކޮށް ކަމަށް ފާރިޝް ވިދާޅުވި އެވެ.

އެމްއާރްއެމް އާއި އެމްޑީޕީން ދެވަނަ ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެމްއާރްއެމް އިން މީގެ ކުރީން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއާރްއެމް އިންވެސް ބައްދަލުވުމެއް ބާއްވައިފައިވެ އެވެ.