މޯލްޑިވިއަން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް ނިންމައިފިއެވެ.
އީސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއާރްއެމްއަށް 3،000 މެންބަރުން ހަމަވެފައިނުވާތީ އެ ޕާޓީއަށް އުވާލަން ނިންމާފައިވާ ކަމަށެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލާ ހަމައަށް އެމްއާރްއެމްގައި ތިބީ 2،234 މެންބަރުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައިވެސް އީސީން ވަނީ އެމްއާރްއެމްގެ މެންބަރުން ހަމަނުވާތީ ދެ ފަހަރެއްގެ ނޯޓިސް ފޮނުވައިފައެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް އެމްއާރްއެމްއަށް މެންބަރުން ހަމަކޮށްފައިނުވާތީ އީސީން އެ ޕާޓީ އުވާލިއެވެ. އެއީ 24 މެއި 2023 ގައެވެ.
ޕާޓީ އުވާލި މައްސަލަ އެމްއާރްއެމްގެ ފަރާތުން 25 މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި ސިވިލް ކޯޓުން އެ މަހުގެ 29 ގައި ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ޕާޓީ އުވާލަން އީސީން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ. އެފަހުން އެ އަހަރުގެ ޖޫން 23 ގައި ނެރުނު އިތުރު ވަގުތީ އަމުރެއްގައި ބުނެފައިވަނީ އެމްއާރްއެމް އުވާލަން އީސީން ނިންމި ނިންމުން މުރާޖާ ކޮށްދެވެން ނެތް ކަމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މި އަހަރުގެ ފެބްރުއަރީ 13 ކުރި ހުކުމުގައި ބުނެފައިވަނީ އެމްއާރުއެމް އިން 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އީސީން ދީފައިވާ ނޯޓިހަށް ކަމަށާއި އޭރު މެންބަރުން ތިބި އަދަދަކީ 2،981 ކަމަށެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު އެއްފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށް، ޕާޓީތަކަށް ނޯޓިސް ދޭންޖެހޭނެ ކަމަށް ބުނެފައި އޮތަސް މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަން އީސީން ފަހުން އަންގާފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.
"އިލެކްޝަންސް ކޮމިޝަނުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަންޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ކަމުގައި ނުވާތީ އެމްއާރްއެމްއަށް ފޮނުވާފައިވާ ނޯޓިހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިހެއް ކަމަށް ކަނޑައަޅަން،" ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމުތަކެއް ހުރިކަންވެސް އެނގެން ނެތްއިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފޯމުތައް ޕްރޮސެސް ކުރުމުގައި އެކަށޭނެ ލަސްވުން ހިމެނޭތީ އެއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އަދި ދުސްތޫރީ ހައްގާ ހިލާފަށް އީސީން އެމްއާރްއެމް އާމެދު ކޮށްފައިވާ އަމަލެއް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ އެމްއާރްއެމް އުވާލަން އީސީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 43 މާއްދާއާ ހިލާފަށް ކަމަށެވެ. އެހެންވެ ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީއާއި އެއްވެސް ހަރަކާތެއް ނުހިންގަން އަންގައި ފޮނުވި ސިޓީގެ އިތުރުން ދަރަނީގެ މައުލޫމާތު ހޯދަން އީސީން ގެޒެޓް ކުރި އިއުލާން ބާތިލުކޮށް އެމްއާރްއެމް އުވާލުމަށް އީސީން ނިންމީ ގާނޫނާހިލާފަށް ކަމަށް ހުކުމްކުރިއެވެ.
އަދި އެމްއާރްއެމްއަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 500،000 ރުފިޔާ ދިނުމަށް ކަނޑައަޅައި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ. ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އީސީން ބުނި ނަމަވެސް އެ ކޮމިޝަނުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު