ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް އެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީގެ ދަފުތަރުން އުނިކޮށްފައިވާ ކަމަށެވެ.

އީސީގެ ވެބްސައިޓުގައި ހުންނަ ސިޔާސީ ޕާޓީގެ ދަފުތަރުން ވެސް އެމްއާރުއެމް މިހާރު ފެންނާކަށް ނެތެވެ. އެ ޕާޓީ ކެޓަގަރީ ކޮށްފައިވަނީ އުވާލާފައިވާ ޕާޓީގެ ލިސްޓުގައެވެ.

އެމްއާރުއެމް އީސީގައި ރަޖިސްޓްރީ ކޮށްފައިވަނީ 2019 ނޮވެމްބަރު 20 ގައެވެ.

އީސީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 15 ގައި ބުނެފައިވަނީ އެމްއާރުއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ، އެ ޕާޓީގެ އޮފީހަށް އަންނަ މަހުގެ 10 ގެ ކުރިން އަންގަން އެދޭ ކަމަށެވެ. އީސީން އެމްއާރުއެމް އުވާލަން ނިންމީ 3،000 މެންބަރުން ހަމަވެފައިނުވާތީއެވެ. އެ ޕާޓީ އުވާލަން ނިންމައި އެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އީސީން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ވެސް އެމްއާރުއެމްގެ މެންބަރުން ހަމަނުވާތީ ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވައިފައެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް އެމްއާރުއެމްއަށް މެންބަރުން ހަމަކޮށްފައިނުވާތީ އީސީން އެ ޕާޓީ އުވާލިއެވެ. އެއީ 24 މެއި 2023 ގައެވެ.

ޕާޓީ އުވާލި މައްސަލަ އެމްއާރުއެމްގެ ފަރާތުން 25 މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި ސިވިލް ކޯޓުން އެ މަހުގެ 29 ގައި ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ޕާޓީ އުވާލަން އީސީން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ. އެފަހުން އެ އަހަރުގެ ޖޫން 23 ގައި ނެރުނު އިތުރު ވަގުތީ އަމުރެއްގައި ބުނެފައިވަނީ އެމްއާރުއެމް އުވާލަން އީސީން ނިންމި ނިންމުން މުރާޖާ ކޮށްދެވެން ނެތް ކަމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ 13 ކުރި ހުކުމުގައި ބުނެފައިވަނީ އެމްއާރުއެމް އިން 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އީސީން ދީފައިވާ ނޯޓިހަށް ކަމަށާއި އޭރު މެންބަރުން ތިބި އަދަދަކީ 2،981 ކަމަށެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު އެއްފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށް، ޕާޓީތަކަށް ނޯޓިސް ދޭންޖެހޭނެ ކަމަށް ބުނެފައި އޮތަސް މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަން އީސީން ފަހުން އަންގާފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

"އިލެކްޝަންސް ކޮމިޝަނުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރުއެމް އިން އުފުލަންޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ކަމުގައި ނުވާތީ އެމްއާރުއެމްއަށް ފޮނުވާފައިވާ ނޯޓިހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިހެއް ކަމަށް ކަނޑައަޅަން،" ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމުތަކެއް ހުރިކަންވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފޯމުތައް ޕްރޮސެސް ކުރުމުގައި އެކަށޭނެ ލަސްވުން ހިމެނޭތީ އެއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އަދި ދުސްތޫރީ ހައްގާ ހިލާފަށް އީސީން އެމްއާރުއެމްއާ މެދު ކޮށްފައިވާ އަމަލެއް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ އެމްއާރުއެމް އުވާލަން އީސީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 43 މާއްދާއާ ހިލާފަށް ކަމަށެވެ. އެހެންވެ ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީއާއި އެއްވެސް ހަރަކާތެއް ނުހިންގަން އަންގައި ފޮނުވި ސިޓީގެ އިތުރުން ދަރަނީގެ މައުލޫމާތު ހޯދަން އީސީން ގެޒެޓް ކުރި އިއުލާން ބާތިލުކޮށް އެމްއާރުއެމް އުވާލުމަށް އީސީން ނިންމީ ގާނޫނާހިލާފަށް ކަމަށް ހުކުމްކުރިއެވެ.

އަދި އެމްއާރުއެމްއަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 500،000 ރުފިޔާ ދިނުމަށް ކަނޑައަޅައި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ. ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އީސީން ބުނި ނަމަވެސް އެ ކޮމިޝަނުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެއް ނުވެއެވެ.