އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައެވެ.
ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދެއްކެވީ އަވަށްޓެރި ގައުމުތަކުގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާ ޒަމާންވީ ތާރީހުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އަދި ހަތަރު އަހަރު ތެރޭގައި ދެ ގައުމުގެ ގުޅުމާއި މަތީ ފަންތީގެ ދަތުރުތަކާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ހައިޑްރޮގްރަފީ ސާވޭތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ރައީސް ސޯލިހު ތައުރީފު ކުރެއްވި ކަމަށާއި އެ ދިރާސާ ކުރުމަށް ބޭނުންވާ ސާމާނު އިންޑިއާއިން ފޯރުކޮށްދީފައިވާތީ އާއި އެހެނިހެން ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހިތެރިކަމާއި އެއްބާރުލެއްވުމަށް ވެސް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުގެ ބްލޫ އިކޮނޮމީ އިނީޝިއޭޓިވްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިން ބުރުގެ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ސާވޭތަކުން ނެގި ޗާޓުތައް މިހާރު ރާއްޖެއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ޗާޓުތައް ޕީރިއޮޑިކް އަޕްޑޭޓް ކުރުމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގައުމުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު