ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މުއްދަތު އިތުރުކުރުމަށްޓަކައި ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބިލު ފާސްކޮށްފިއެވެ.
އެ ބިލަކީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ބިލެކެވެ.
މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ. މިހާރު އެ މާއްދާގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އެ ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.
އެ މާއްދާއަށް އިސްލާހު ހުށަހަޅާފައިވަނީ، އިލެކްޝަނަށް ހުށަހެޅުމަށް އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށެވެ.
ބިލުގައި ބުނެފައިވަނީ، ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށްޓަކައި ކަމަށެވެ.
މި ބިލާމެދު ދެން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު