ކުންފުނިތަކާއި އޮފީސްތަކުގެ މެދުގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތް އިއްޔެ ހުޅުމާލޭގައި ފަށައިފިއެވެ.
ހުޅުމާލޭގެ އައުޓް ޑޯ ވޮލީ ކޯޓުގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމުތައް ސީޑުކޮށްގެން އެސޯސިއޭޝަނުން ގުރު ނަގާފައިވާ އިރު، ގްރޫޕް ސްޓޭޖެއް ކުޅެ، ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އެ ސެމީއަށްފަހު ތިންވަނަ ހޮވާ މެޗު ކުޅެ، ފައިނަލް ކުޅޭނެއެވެ.
އިއްޔެ ގްރޫޕް އޭގެ ދެމެޗުން މުބާރާތް ފަށާފައިވާއިރު، އެގްރޫޕުގައި ހިމެނެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ސްޓެލްކޯ، އާބަންކޯ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ޕޮލިސް ސާވިސަސް އެވެ. ގްރޫޕް ބީގައި އޮތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަކުރީ ސްޓެލްކޯއާއި އެމްއޭސީއެލް އެވެ. އިއްޔެ ހަވީރު ކުޅުނު އެމެޗު ސްޓެލްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސްޓެލްކޯއިން ގެންދިޔައީ 33-31، 19-25 އަދި 25-27 އިންނެވެ. ބިދޭސީ ކުޅުންތެރިން ގެނެވޭ ގޮތަށް މުބާރާތުގެ ގަވާއިދު އޮތް އިރު، އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯއަށް ކުޅެމުންދާ ގަގަންދީޕު ސިންހެވެ.
ރޭވެސް ގްރޫޕް އޭގެ އިތުރު މެޗެއް ކުޅެފައިވާ އިރު، އެ މެޗުގައި ވާދަކުރީ ވަރުގަދަ އާބަންކޯ އާއި އެމްޕީއެލް އެވެ. އާބަންކޯ ޓީމުން ރާއްޖޭގެ ބީޗު ވޮލީ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)އާއި އާދަމް ފައިރޫޒްގެ އިތުރުން އިޝާން މުހައްމަދު (ބަޓިސް) ފެނިގެންދިޔަ އިރު، ޓީމުގެ ކޯޗަކީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ.
ކުޑަކާއްޓެ މިފަހަރުގެ މުބާރާތުގައި ކުޅުމަށް ވީއޭއެމްއިން ހާއްސަ ހުއްދައެއް ދިނީ އޭނާގެ އޮފީހަށް ކުޅުމަށެވެ. ކުޑަކާއްޓެ އާއި އޭނާގެ ބީޗް ވޮލީ ޕެއާގައި ހިމެނޭ އާދަމް ނަސީމް (އެޑަމް)ވެސް މިފަހަރުގެ މުބާރާތުގައި ފެނިގެންދާ އިރު، މިއީ ރަސްމީކޮށް ބީޗު ވޮލީއަށް ނުކުތްފަހުން އެ ދެކުޅުންތެރިން ކުޅޭ ފުރަތަމަ ވޮލީ މުބާރާތެވެ.
އިއްޔެގެ މެޗުގައި އާބަންކޯއިން ސީދާ ތިން ސެޓުން އެމްޕީއެލް ބަލިކޮށްފައިވާ އިރު، މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-20. 25-10 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކުޑަކާއްޓެ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި 4:30 ގައި ގްރޫޕް ބީގެ އެފްއެސްއެމްއާއި އެމްއެންޑީއެފް ވާދަކުރާ އިރު، މިރޭ 8:30ގެ މެޗުގައި ގްރޫޕް އޭގެ ސްޓެލްކޯއިން ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ.
ވީއޭއެމްއިން އޮފީސްތަކާއި ކުންފުނިތަކުގެ މުބާރާތް ކުރިއަށް ގެންދަމުންދާ އިރު، އެ އެސޯސިއޭޝަނުގެ އިދާރީ ހިންގުން އޮތީ ގޯސް ހާލަތެއްގައެވެ. އަހަރީ އާންމު ޖަލްސާ ނުބޭއްވުމުގެ މައްސަލަތަކާއި އެކްސްކޯގެ ބާރު ކަނޑުވާލި ކަމަށް ބުނާ މައްސަލަތަކެއްގައި ކްލަބުތަކަކުން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ އިރު، ބަޖެޓް މެނޭޖުކުރުންވެސް ގޯސްކޮށް ހިނގާ ކަމަށް ބައެއް ކްލަބުތަކުން ވަނީ ބުނެފައެވެ.