Close
އިނގިރޭސި ޕްރިމިއާ ލީގު

ރެފްރީ އަމަލުކުރީ ރަނގަޅަށް، ގޯހީ ކްލޮޕް!

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް، މެޗު ރެފްރީ ޕޯލް ޓިއާނީއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ގޯސް ކަމަށް ރެފްރީންގެ ހާއްސަ ބޮޑީ، ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ބުނެފިއެވެ.

ޓޮޓެންހަމްއާއި ލިވަޕޫލް އެންމެފަހުން އެންފީލްޑްގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިވަޕޫލުން ތިން ގޯލު ޖަހައިފައިވީ ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން ނަތީޖާ އެއްވަރުކުރިއެވެ.

ޓޮޓެންހަމްއިން ނަތީޖާ އެއްވަރުކުރި ގޯލަށް ރެފްރީ ޓިއާނީ ދިން ހިލޭ ޖެހުމަށް މެޗުގައި ކްލޮޕް ހިތްހަމަ ނުޖެހި ހަތަރު ވަނަ ރެފްރީއާ ދިމާލަށް ހަޅޭލަވާ، ވަރަށް ޝަކުވާ ކޮށްފައިވެއެވެ. އެ ޝަކުވާ ކުރުމަށް ކްލޮޕް ދުވެފައި ދިޔުމުގެ ތެރޭގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ އިރު، ރެފްރީ ވަނީ މެޗު ތެރެއިން ކްލޮޕަށް ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗަށްފަހު ކްލޮޕް ރެފްރީ ޓިއާނީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އޭނާ ބުނީ "ޓިއާނީއާ ތާރީހެއް އެބައޮތް ކަމަށާއި، ރީނދޫ ކާޑު ދެއްކި ގަޑީ ބުނި ބަސްތައްވެސް ރަނގަޅު،" ނޫން ކަމަށެވެ.

"އަހަރެން އެބައޮތް ޓިއާނީއާ ތާރީހެއް. އަހަންނަކަށް ނޭނގެ ޓީއާނީ އަހަންނާ އޮންނަ ޒާތީ ކަމެއް. އަހަންނާ ދިމަލަށް ބަލާ ގޮތްވެސް ބުނާކަށް ނޭނގެ. އިންގްލެންޑުގައި ރެފްރީންގެ މި ކަންކަން އެއްވެސް މީހަކު އޮޅުންފިލުވައެއް ނުދޭ. އެކަންކަން ފަހުންވެސް އޮޅުން ފިލުވައިދޭން ޖެހޭނެ،" ކްލޮޕް މެޗަށްފަހު ޓިއާނީއަށް އަމާޒުކޮށް ބުންޏެވެ.

އޭގެ އިތުރުން ކްލޮޕް ބުނީ ޓިއާނީއާ ހެދި މެޗުގައި އޭނާގެ ކޮންޓްރޯލް ގެއްލުނުކަން ގަބޫލުކުރާ ކަމަށްވެސް ބުނެފައެވެ. ސަމާސާ ރާގަކަށް ކްލޮޕް ބުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކީ އެކަމުގެ އަދަބަކަށް ފުދޭ ކަމަށެވެ. އަދި އިތުރަށް ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށްވެސް ކްލޮޕް ބުންޏެވެ.

ކްލޮޕްގެ އެ ވާހަކަތަކަށް ރައްދު ދީފައި ވަނީ ޕީޖީއެމްއޯއެލްއެވެ. ޕީޖީއެމްއޯއެލްއިން ބުނީ ކްލޮޕް ދެއްކި ވާހަކަތަކުގެ މައްސަލަ، ޕްރިމިއާ ލީގާ ގުޅިގެން ބަލަމުންދާ ކަމަށާއި، ކްލޮޕަށް ކަންކަން ހީވެފައި އޮންނަ ގޮތް ގޯސްކަމަށެވެ. ޕީޖީއެމްއޯއެލްއިން އިތުރަށް ބުނީ ޕްރިމިއާ ލީގުގައި ރެފްރީކަން ކުރާ ހުރިހާ ރެފްރީންވެސް ދައްކާ ވާހަކަތައް، ކޮމިއުނިކޭޝަން ސިސްޓަމުން ބަރާބަރަށް ރެކޯޑު ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން، ޓިއާނީ ދެއްކި ވާހަކަވެސް އަޑުއަހާފައިވާ ކަމަށް ޕީޖީއެމްއޯއެލްއިން ބުނެފައިވާ އިރު، ރެފްރީންގެ ބޮޑީން ބުނީ މެޗުގައި ޓިއާނީ ދިން ހިލޭ ޖެހުމުގައި އަމަލުކުރި ގޮތްވެސް ގޯސް ނޫން ކަމަށާއި، ކްލޮޕަށް ކާޑު ދައްކަމުން ނުބައި ބަސްތަކެއްވެސް ބޭނުންކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ރެފްރީންނަށް އަމާޒުކޮށް ފާޑު ކިޔުމުގެ މައްސަލައެއްގައި މީގެ ކުރިންވެސް ކްލޮޕް ޖޫރިމަނާ ކޮށްފައިވާ އިރު، ބައެއް އެނަލިސްޓުންގެ ނަޒަރުގައި ކްލޮޕަށް ސަސްޕެންޝަނެއް އަންނަން ޖެހެއެވެ. އަދި ވަކިން ހާއްސަކޮށް ކްލޮޕް ރެފްރީންނާ ޒުވާބުކުރުމުގައި ރެފްރީންނަށް ބިރުދައްކާ ގޮތަށް ކަންކަން ކުރާ މައްސަލަ ބަލަން ޖެހޭ ކަމަށްވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.