ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި މިދިޔަ ހުކުރު ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.
އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެ، ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން އިއްވި ހުކުމަކީ އިގުތިސޯދީ ނަފާ ހޯދުމަށް، ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހިންނަށް އެ ފުރުސަތު ގެއްލިގެންދިއުމުގައި، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
"މި އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތިންވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށް ނުވޭތޯއެވެ؟،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
"އެހެންކަމުން އިޓްލޮސްގެ މި ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެ މަގަށް ދިވެހި ރައްޔިތުންނާއެކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެ،" ގާސިމް ވިދާޅުވިއެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތައްވެސް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު