މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި އިންސާނީ ހައްގުތައް ގާއިމުކުރުމަށް ހާއްސަ ސަމާލުކަމެއްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައިސުލްޖުމްހޫރިއްޔާ މިކަމަށް ގޮވައިލެއްވީ މިއަދުގެ ހާއްސަ މުނާސަބަތު، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ހިތާބުގައެވެ.
މީގެއިތުރުން ރައީސް ވަނީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާއަށާއި އެ މަސައްކަތްތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް ތަހުނިއްޔާ ފޮނުއްވައިފައެވެ. ވޭތުވެ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު މަސައްކަތްތެރިންގެ ހައްގުގައި ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ވާހަކަފުޅުތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
މީގެތެރެއިން ވިހެމާ ގުޅިގެން މަންމައަށް ލިބޭ 6 މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓާނިޓީ ލީވް އާއި މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖްގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަހައަށް ލިބިގެންދާނެ ގޮތް ހަމަޖައްސަވާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވީ ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެވެ. އެއީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ޕްރައިވެޓް ސެކްޓާތަކުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން ވެސް ރައިސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލިއަޅުއްވައިލެއްވިއެވެ. ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި އެމީހުންނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. މަސައްކަތްތެރީންގެ ހައްގުގައި ކުރަން ޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސް ގެ ހިތާބުގައި ވިދާޅުވި އެވެ.