ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލޮރީއެން އަތުން ބަލިވެއްޖެއެވެ.

ޕީއެސްޖީން މިރޭ އަމިއްލަ ދަނޑުގައި 3-1 އިން ބަލިވެފައިވާ އިރު، މިއީ 2023 ފެށުނު ފަހުން އެޓީމަށް ކުރިމަތިލާން ޖެހުނު ނުވަ ވަނަ ބައްޔެވެ. ޕީއެސްޖީން މިހާތަނަށް ލީގުގައި ހަ ބަލިވެފައިވާ އިރު، އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 33 މެޗުން 75 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާސޭއަށް 32 މެޗުން 67 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް އަތުގައި އޮތް މެޗުން މޮޅުވެ، ޕީއެސްޖީއާ ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ޕީއެސްޖީއަށް ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، މާސޭއަށް ލީގުގައި ބާކީ އަދި ހަ މެޗު އެބައޮތެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް ލެންސަށް 32 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.

ލޮރީއެންއިން މިރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އެޓީމަށް ލީޑު ނަގައިދިނީ އެންޒޯ ލެ ފީ ޖެހި ގޯލުންނެވެ. ރޮމައިން ފައިވާ އޭރިއާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ލެ ފީ ޖެހީ ގޯލުގެ މަތީ ދާގަނޑަށެވެ.

މެޗުގެ ކުރީކޮޅުގައި ރީނދޫ ކާޑެއް ދެއްކި އަޝްރަފު ހަކީމީއަށް 20 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑެއް ދެއްކިއެވެ. ދެވަނަ ރީނދޫ ކާޑާއެކު ހަކީމީއަށް މެޗުގައި ރަތް ކާޑެއް ދެއްކި އިރު، ޕީއެސްޖީއަށް ވަނީ މެޗަށް އަނބުރާ ވަނުމަށް އުނދަގޫތަކަކާ ކުރިމަތިވެފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޕީއެސްޖީއަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، 39 ވަނަ މިނެޓުގައި ލޮރީއެންގެ ޑާލިން ޔޮންގްވާ ވަނީ އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދީފައެވެ.

އަދި އޭގެ އިތުރުން 87 ވަނަ މިނެޓުގައި ބަމްބާ ޑިއޭންގް ވަނީ ލޮރީއެންއަށް ތިންވަނަ ގޯލެއް ޖަހައި ޕީއެސްޖީ ބަލިކޮށްފައެވެ.