އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި ފުލަމް ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި އެސްޓޮން ވިލާ ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިރޭ ރަށުން ބޭރުގައި ސިޓީން ފުލަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލް ދެވަނައަށް ވައްޓާލައި، ސިޓީން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މިއީ ފެބްރުއަރީ މަހަށްފަހު ސިޓީން ތާވަލުގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ. ސިޓީން ތަށީގެ ރޭހުގައި އާސެނަލަށްވުރެ ފަހަތުގައި އޮވެފައި، އަމިއްލަ ކޮންޓްރޯލު ހޯދީ އެންމެފަހުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި ސިޓީގެ ފޯމު މިހާރު ރަނގަޅުކޮށް އޮތް އިރު، އެޓީމަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕުގެ އިތުރުން ލީގު ހޯދުމަށްވެސް ބޮޑު ފުރުސަތެއް އެބައޮތެވެ.

ސިޓީއަށް މިހާތަނަށް ލީގުގައި ކުޅުނު 32 މެޗުން 76 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލަށް 33 މެޗުން ލިބިފައި ވަނީ 75 ޕޮއިންޓެވެ. ތިންވަނައިގައި މިރޭ ސައުތެމްޓަން ބަލިކުރި ނިއުކާސަލް އޮތީ 33 މެޗުން 65 ޕޮއިންޓާ އެކުގައެވެ. ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގައި 1-0 އިން ވިލާ ބަލިކޮށް، އެޓީމު ހަތަރު ވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓާ އެކުގައެވެ.

ސިޓީން މިރޭ ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ސިޓީން ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން ފުލަމްގެ ޑިފެންޑަރު ޓިމް ރީމް ސިޓީގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒަށް ކުރި ފައުލުގައި ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ.

އެ ގޯލަކީ މި ސީޒަނުގައި ހާލަންޑް ކާމިޔާބުކުރި 50 ވަނަ ގޯލެވެ. ޕްރިމިއާ ލީގުގައި އެކަނިވެސް މިހާތަނަށް ހާލަންޑް ވަނީ 34 ގޯލު ސީޒަނުގައި ޖަހައިފައެވެ. އެ އަދަދަށް ގޯލު ޖަހައި، ހާލަންޑް ވަނީ ޕްރިމިއާ ލީގުގެ ޒަމާންވީ ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ރެކޯޑާ ހަމަކޮށްފައެވެ. 1993-94 ވަނަ އަހަރުގެ ސީޒަނުގައި އެންޑީ ކޯލް ނިއުކާސަލްއަށް އަދި އެއާ ޖެހިގެން އައި ސީޒަނުގައި އެލެން ޝިއެރާ ބްލެކްބާން ޖާސީގައި 34 ގޯލު ޖަހައިދީފައިވާ އިރު، އެ ދެކުޅުންތެރިންވެސް އެ އަދަދަށް ގޯލު ޖެހީ 42 މެޗުގެ ސީޒަންތަކުގައެވެ.

އޭގެ ފަހުން 38 މެޗުގެ ސީޒަންތަކަށް ކުޅެން ފެށިފަހުން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް މި ސީޒަނާ ޖެހެންދެން އޮތީ މުހައްމަދު ސަލާހެވެ. ހާލަންޑް ވަނީ އެ ރެކޯޑު މިހާރު މުގުރާލައިފައެވެ.

އޭގެ އިތުރުންވެސް ހާލަންޑަކީ އިނގިރޭސި ޓޮޕް ޑިވިޝަނުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން، އެއް ސީޒަނެއްގައި 50 ގޯލު ހަމަކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެކަން ކޮށްފައި ވަނީ 1931 ވަނަ އަހަރު އެސްޓޮން ވިލާއަށް ކުޅުނު ޓޮމް ވާރިންނެވެ.

މިރޭގެ މެޗުގައި ސިޓީން ލީޑު ނަގާފައި ވަނިކޮށް، މެޗުގެ 15 ވަނަ މިނެޓުގައި އަލްވޭސް މޮރައިސް ފުލަމްއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ހާފު ނިމެންދަނިކޮށް އަލްވަރޭޒް ސިޓީއަށް އަލުން ލީޑު ހޯދައިދިނެވެ.

އަލްވަރޭޒް ޖެހި ގޯލަކީ އޭރިއާ ބޭރުން ފުލަމްގެ ދެކުޅުންތެރިން ނައްޓާލައި، ހިތްގައިމުކޮށް ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ސިޓީން ގޯލު ޖަހާނެ އިތުރު ފުރުސަތުތައްވެސް މެޗުގައި ތަނަވަސްކޮށްފައިވާ އިރު، ޖެކް ގްރީލިޝްގެ ހަމަލާއެއް ވަނީ ފުލަމް ގޯލްކީޕަރު އަތުގައި ޖެހި ދަނޑިއަށް އަމާޒުވެފައެވެ.

ޔުނައިޓެޑް އަމިއްލަ ދަނޑުގައި މިރޭ ވިލާ ބަލިކޮށްފައިވާ އިރު، އެޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒްއެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ކުޅުނު 10 މެޗުގައި ވިލާ އޮތީ ބަލިނުވެއެވެ. އެހެންކަމުން ޔުނައިޓެޑުން ހޯދި މުހިއްމު މޮޅަކީ އެޓީމަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

މެޗުގައި ފެނާންޑޭޒް ޖެހި ގޯލަކީ އޭނާގެ ކެރިއަރުގައި ޖެހި 100 ވަނަ ގޯލެވެ. އޭނާ މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑް ޖާޒީގައި 11 ގޯލު ޖަހާފައިވާ އިރު، މިރޭގެ ގޯލު ފެނިގެން ދިޔައީ 39 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މާކަސް ރަޝްފޯޑު ޖެހި ބޯޅަ އެމިލިއާނޯ މާޓިނޭޒް މަތަކޮށް ބޭރުކޮށްލުމުން ރީބައުންސްގައި ޖެހި ގޯލެކެވެ.