މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ ކުރި ބިޑަށްވުރެ، އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފް ކުރި ބިޑުގެ އަގު، ނިސްބަތުން ބޮޑު ކަމަށް ނޫސްތަކުން ބުނެފިއެވެ.
މިވަގުތު ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން ބިޑުކުރުމުގެ މަރުހަލާތަކެއް ކުރިއަށް ގޮސްފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ފައިނަލް ދެ ބިޑެއް ވަނީ ހުށަހަޅާފައެވެ. އެ ދެބިޑަކީ ޖަސީމްއާއި ރެޓްކްލިފް ހުށަހެޅި ދެ ބިޑެވެ. ރެޓްކްލިފާއި ޖަސީމް ފުރަތަމަވެސް ޔުނައިޓެޑް ގަންނަން ބިޑުކޮށްފައިވާ އިރު، ހުކުރު ދުވަހުގެ ޑެޑްލައިން ކުރިން ހުށަހެޅީ ކުރީ ބިޑަށްވުރެ ބޮޑު، އަދި ފައިނަލް ބިޑެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޖަސީމް ބިޑް ކުރީ ޔުނައިޓެޑްގެ 100 ޕަސެންޓް ހިއްސާ ގަތުމަށެވެ. އެއީ ފަސް ބިލިއަން ޕައުންޑުގެ އަގަކަށެވެ. އެހެން ނަމަވެސް ރެޓްކްލިފްގެ އިނިއޯސް ގްރޫޕުން ހުށަހެޅީ ކްލަބުގެ މެޖޯރިޓީ ހިއްސާ ގަތުމަށެވެ. އޭނާ ހުށަހެޅި އަގު ރަސްމީކޮށް އެނގެން ނެތް ނަމަވެސް ނޫސްތަކުން ބުނީ ރެޓްކްލިފް ހުށަހެޅި އަގު، އޭނާ ބޭނުންވާ ހިއްސާއަށް ބަލައި ބޮޑު ކަމަށެވެ.
ބައެއް ނޫސްތަކުން ބުނީ ރެޓްކްލިފް ބޭނުންވަނީ ގްލޭޒާސް އަތުގައި އޮތް 69 ޕަސެންޓް ހިއްސާ އެއްކޮށް ގަތުމަށް ކަމަށެވެ. އަދި އަނެއް ނޫސްތަކުން ބުނީ ރެޓްކްލިފް މަސައްކަތް ކުރަނީ 51 ޕަސެންޓް ހިއްސާ ގަނެ، ގްލޭޒާސްގެ ކުޑަ ކޮންޓްރޯލެއް ކްލަބުގައި އޮންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ދެފަރާތުގެ ބިޑު އިވަެލުއޭޓް ކުރުމަށް މިހާރު ޔުނައިޓެޑްގެ ވެރިން މަސައްކަތް ކުރަމުން އަންނަ އިރު، ދެފަރާތުން ހުށަހެޅި ހުށަހެޅުމުގައިވެސް ކްލަބުން މިހާރުން މިހާރަށް ހަރަދު ކުރަން ބޮޑު ކެޕިޓަލް ފަންޑެއް ހިމަނާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. އޭގެ އިތުރުން ސްޓޭޑިއަމާއި އެހެނިހެން އިންފްރާސްޓްރަކްޗާތައް ތަރައްގީ ކުރުމަށްވެސް ބިޑުގައި ހިމަނާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ޔުނައިޓެޑް ގަންނަން ބޭނުންވާ މައިގަނޑު ދެފަރާތުން ބިޑު ހުށަހަޅާފައިވާ އިރު، ކްލަބުގެ ދުވަސްވީ ސަޕޯޓަރުން ބޭނުންވަނީ ކްލަބު އެއްކޮށް ވިއްކާލުމަށެވެ. "1958" ގެ ނަމުން މަޝްހޫރުވެފައިވާ ފޭން ގްރޫޕުން ވެރިންނާ ހަމައަށް އެ މެސެޖު ފޯރުކޮށްދިނުމަށް، ޔުނައިޓެޑުން ދެން ޕްރިމިއާ ލީގުގައި ކުޅެން އޮތް މެޗުގައި ހާއްސަ ޕޯސްޓަރުތަކެއް ބޭނުންކުރަން ވަނީ ރާވާފައެވެ. އެ ޕޯސްޓަރުތަކުގައި ފޭން ގްރޫޕުތަކުން ދޭން ބޭނުންވަނީ މެސެޖަކީ "އެއްކޮށް ވިއްކާލުން ނޫން" ގޮތެއް ބޭނުން ނުވާ ކަމަށް ބުނެ ދޭ މެސެޖެކެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް