ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެއްޖެއެވެ.
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އެ އެކްސިޑެންޓުގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް، އިރުއޮއްސި 6:15 ގައި މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ނިޔާވީ ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސާސް-އީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު (ސައުދު) އެވެ. މީގެ ކުރިން ރެއިންބޯ އާއި އަމީން ކޮންސްޓްރަކްޝަން ފަދަ ބޮޑެތި ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބ. ކުޑަރިކިލަށް އުފަން ސައުދަކީ އިޖުތިމާއީ ގިނަ މަސައްކަތްތަކަކަށް ވެސް ގިނަ އެހީތަކެއް ފޯރުކޮށްދޭ ބޭފުޅެކެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 4:42 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.