ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް އަށް ގޯލު ޖަހައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުބާރާތުގެ ފައިނަލް ކަށަވަރުކޮށްފިއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން 8-0ގެ ބޮޑު ތަފާތަކުން ސަސް ބަލިކޮށް ފައިނަލް ޔަގީންކުރި އިރު، އެ ޓީމުން އާދީއްތަ ދުވަހުގެ ރޭ އޮންނަ ފައިނަލުގައި ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މާޒިޔާއިން ކްލަބު ވެލެންސިއާ އަތުން ބަލިވެފައިވާ އިރު، އެ ޓީމުން މީގެ ކުރިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ 2015 ވަނަ އަހަރުއެވެ. އެ މެޗުގައި މާޒިޔާއިން ތަށި ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.
މިރޭގެ މެޗަށް ސަސްއިން ނުކުތީ އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ޔޫސުފް މީސާން އަބްދުﷲ އާއި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައެވެ. ސަސްއިން އެންމެފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ގޯލްކީޕަރު ޔޫސުފަށް ރަތް ކާޑު ދައްކާފައިވާ އިރު، ދަގަނޑޭ މެޗަށް ނުކުމެފައި ނުވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
އަނެއްކޮޅުން މާޒިޔާއިން މެޗަށް ނެރުނު ފުރަތަމަ 11 ގައި އެ ޓީމުގެ ބިދޭސީ ފޯވަޑް ސްޓެފަން މިހަލޮވިޗް ހިމަނާފައި ނުވާއިރު، ހަލީލް ގަމާލްވެސް ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. ފޯވަޑް ލައިނުން ފެނުނީ ހަސަން ރާއިފް (ހަންނަ) އާއި ހަސަން ނަޒީމް (ޗޯޓު)އެވެ. ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އެއްކޮށް ފިޓް ނުވާތީ، ކޯޗު އެ ދެ ކުޅުންތެރިންވެސް މެޗުގައި ބޭނުންކޮށްފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅުގައި މާޒިޔާއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޯޅަ ހިފަހައްޓަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާއިރު، ސަސްއިން ރަނގަޅަށް މަސައްކަތްކޮށް މާޒިޔާގެ އެޓޭކް ހުއްޓުވިކަން ފާހަގަކުރެވުނެވެ. މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ހަންނައާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތުތައް ފާހަގަވި އިރު، އެ ފުރުސަތުތަކުގައި އެދެވޭ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ.
ސަސްއިން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ 35 ވަނަ މިނެޓުގައެވެ. މާޒިޔާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަހުމަދު އައިހަމް އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަ ދިފާއުކުރީ މާޒިޔާގެ ގޯލު ބަލަހައްޓަމުންދިޔަ ގައުމީ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.
މާޒިޔާއިން މެޗުގެ ފަހުކޮޅުގައި ގޭމު ތެރެއަށް ވަދެ، ލީޑު ނެގިއެވެ. އޭރިއާ ބޭރުން ހަންނަ ޖެހި ބޯޅަ، ސަސްގެ ޑިފެންޑަރު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެ ގޯލު ހަންނަ ޖެހީ 37 ވަނަ މިނެޓުގައެވެ. މާޒިޔާގެ ގޯލަށްފަހު އެ ޓީމުން ކުޅުން ރަނގަޅު ކުރި އިރު، ދެވަނަ ގޯލެއްގެ ކުރިން ހަމްޕުއާއި އިބްރާހީމް އައިސަމް ޖެހި ބޯޅަތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ހާފު ނިމުމުގެ ކުރިން މާޒިޔާއިން ދެވަނަ ގޯލެއް ޖެހީ، އަރިމަތިން ހަންނަ ނެގި ހުރަހެއްގައެވެ. ހަންނަ އަރިމަތިން އަރައި ނެގި ހުރަސް، ހަމްޕު ކޮންޓްރޯލް ކޮށްލައި ގޯލަށް ވައްދާލީ ސަސްގެ ދެ ކުޅުންތެރިޔަކު ނައްޓާލައިފައެވެ.
ދެވަނަ ހާފު ފެށިގެން މާޒިޔާ ހަމަޖެހިލައިގެން ކުޅުނު އިރު، 53 ވަނަ މިނެޓުގައި ކޯނަރަކަށް އަރައި ބިދޭސީ ޑިފެންޑަރު އެޑްގާރަސް ޒާސްކިސް މާޒިޔާގެ ތިންވަނަ ގޯލެއް ޖަހައިދިން އިރު، އޭގެ ހަތް މިނެޓު ފަހުން މާޒިޔާއިން ހަތަރު ވަނަ ގޯލެއް ޖެހިއެވެ. ހަންނަ އަރިމަތިން ކުރިއަށް ދެމިގަނެ، ނަގައިދިން ހިތްގައިމު ހުރަހަށް ރަނގަޅަށް ކުރިއަށް ޖެހި ގޯލު ޖެހީ ހަމްޕުއެވެ.
މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހަން ފެށުމާއެކު ސަސްގެ ކުޅުން ވަރަށް ބޮޑަށް ގެއްލި، އެ ޓީމުގެ ފަރާތުން ގޯސްތައް ފެނިގެން ގޮސްފައިވެއެވެ. އޭގެ ފައިދާ ނަގައި، ސަސް ކޮޅަށް މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އައިސަމްގެ ހިތްގައިމު ބޯޅައެއްގައި ބެންޗުން ނުކުތް ނާއިޒް ހަސަން (ދާދު) ޖެހި ބޯޅަ ސަސްގެ ގޯލްކީޕަރު އަބްދުﷲ ޒިމާމް މަތަކުރި އިރު، އޭގެ މިނެޓެއް ފަހުން، 72 ވަނަ މިނެޓުގައި ކޯނަރަކަށް އަރައި މުހައްމަދު އިރުފާން މާޒިޔާގެ ފަސްވަނަ ގޯލު ޖެހިއެވެ.
ދެވަނަ ހާފުގެ މެދެއްހާ ހިސާބުން މާޒިޔާގެ ބިދޭސީ ފޯވަޑް މިހަލޮވިޗް ކުޅެން ނުކުމެ، ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނާ ވަނީ ގޯލުވެސް ޖަހައިފައެވެ. 82 ވަނަ މިނެޓުގައި ހަންނަގެ ބޯޅައެއް ފްލިކް ކޮށްލައި މިހަލޮވިޗް އޭނާގެ ގޯލު ޖެހި އިރު، 86 ވަނަ މިނެޓުގައި ދާދު މާޒިޔާއަށް ހަތްވަނަ ގޯލެއް ޖަހައިދިނެވެ. އަދި މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި މިހަލޮވިޗް ތަނަވަސްކޮށްދިން ފުރުސަތުގައި ހަންނަ ގޯލު ޖަހައި، މާޒިޔާއަށް ބޮޑު މޮޅެއް ހޯދައިދިނެވެ.