ގައިދީންނަށް ހޫނުން ރައްކާތެރިވެވޭނެ ގޮތް ހޯދައިދޭން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބަލަހައްޓާ ޖަލުތަކުގައި ހޫނު ގަދަވާކަން، ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަންގެ މެމްބަރުން ޖަލަށްކުރާ ޒިޔާރަތްތަކުން ފާހަގަވެފައިވާ ކަމަށެވެ.
"އެހެންކަމުން މިވަގުތު ރާއްޖޭގެ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތްކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރާއި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއް ދެއްވާ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ހޫނުމިން އެހެން އަހަރުތަކުގައި މައްޗަށް ނުދާ ވަރަށް މިއަހަރު މައްޗަށް ގޮސްފައިވާއިރު، ކ. އަތޮޅުގެ ރަށްރަށުގެ ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 43 ޑިގްރީ ސެލްސިސްއާ އަރައެވެ.
ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ތިން ރިމާންޑް ޖަލު، އިމިގްރޭޝަން ސެންޓަރު، ޖުވެނައިލް ޑިޓެންޝަން ސެންޓަރު އަދި ނޭޝަނަލް ރީ އިންޓިގްރޭޝަން ސެންޓަރު ހުންނަނީ ކ. އަތޮޅުގައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް އެންމެ ބޮޑު ޖަލު ހުންނަނީ ކ. އަތޮޅުގައެވެ. އެއީ ދޫނިދޫ ކަސްޓޯޑިއަލްއެވެ.