އަލީ އަޝްފާގު

އަނިޔާގެ ސަބަބުން ސެމީގައި ދަގަނޑޭ ނުފެންނާނެ، އެއީ ގެއްލުމެއް: އިންމަ

މުޙައްމަދު ޝަމްޢޫން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، އަނިޔާގެ ސަބަބުން ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ނުކުޅޭނެ ކަމަށް ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނެފިއެވެ.

ޕްރެސިޑެންޓްސް ކަޕްގެ ސެމީގެ ދެވަނަ މެޗުގައި ސަސްއިން މާދަމާ ރޭ 9:00 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ. ސަސް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކުރި އިރު، އެ މެޗުގައި އުމުރުން 37 އަހަރުގެ ދަގަނޑޭ ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ ފަހުން ކްލަބު އީގަލްސްއާ ދެކޮޅަށް ސަސް އިން ކުޅުނު މެޗުގައިވެސް ދަގަނޑޭ ގޯލު ޖަހާފައިވާ އިރު، އެ މެޗުގެ ވަކި ހިސާބަކުން އޭނާއަށް އަނިޔާވެ ބާލަން ޖެހުނެވެ. ދަގަނޑޭ އެރޭގެ މެޗުން ބާލަން ޖެހުނީ ކަކުލުގެ އަނިޔާއެއްގެ ސަބަބުންނެވެ.

"އަޝްފާގު ބޭނުމެއް ނުކުރާނަން މާޒިޔާ މެޗުގައެއް. ބޮޑަށް ރެސްޓް ކޮށްގެން ފިޓްވާން ވަގުތު ދޭން ބޭނުންވަނީ. ރިސްކް ނަގާކަށް ބޭނުމެއް ނުވޭ، ބޭނުންވަނީ އަޝްފާގު ލީގަށް ފިޓްވާނެ ގޮތެއް ހޯދަން. ކަކުލުގެ އަނިޔާގެ މާބޮޑު ތަފުސީލެއް އަދި ނުލިބޭ. އެމްއާރްއައިއެއް ހަދަން ބުނެފައި އޮތީ، ނަމަވެސް ދުޅަ ހުރުމުން އަދި އެމްއާރްއައި ހެދޭ ގޮތެއް ނުވޭ. އެމްއާރްއައި އަށްފަހު އެނގޭނީ އިތުރަށް ސްޕެޝަލް ޑޮކްޓަރަކަށް ދައްކަންވެސް،" ދަގަނޑޭގެ އަނިޔާއާ ގުޅޭ ގޮތުން ސަސްގެ ކޯޗު އިންމަ، ގައުމީ ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.

އިންމަ ބުނީ ދަގަނޑޭ ނެތްތައް ދައްކާނެ ކަމަށާއި ދަގަނޑޭއަކީ ދަނޑު ބޭރުންވެސް ދަނޑުމަތިންވެސް ޒުވާން ކުޅުންތެރިން ލީޑުކުރާ ކުޅުންތެރިޔާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް ދަގަނޑޭ ނެތުމަކީ. ދަގަނޑޭއަކީ ލީޑާޝިޕްގައި މުހިންމު ރޯލެއް އަދާ ކުޅުންތެރިއެއް. ދަނޑު ބޭރުން ކުޅުންތެރިން ގޮވައިގެން އަރައި، ދަނޑުމަތީގައިވެސް ކުޅުންތެރިން ރަނގަޅަށް ބަލަހައްޓަމުންދާ ކުޅުންތެރިއެއް ދަގަނޑޭއަކީ. އެހެންވީމަ އެކަހަލަ ކުޅުންތެރިއަކު ނެތުން އެއީ ޓީމަށް ލިބޭނެ އުނިކަމެއް. ނަމަވެސް އަޅުގަނޑުމެންގެ މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް، ކުޅުން ރަނގަޅު ކުރަމުންދަނީ. އެހެންވީމަ އެ ކުޅުންތެރިންނަށް އިތުބާރު އެބަ އޮތް. އެ ކުޅުންތެރިންގެ ތެރެއަށް ދަގަނޑޭ ވަނުމާއެކު އެ ކުޅުންތެރިންނަށް ލިބެނީ އިތުރު ހިތްވަރެއް. އެހެންވީމަ އެކަން މަދުވާނެ ދަގަނޑޭ ނެތުމުން،" އިންމަ އިތުރަށް ބުންޏެވެ.

މެޗާ ގުޅިގެން އިތުރަށް ވާހަކަ ދައްކަމުން އިންމަ ބުނީ މާޒިޔާ ޓީމު، ސަސްގެ ޓީމަށްވުރެ ވަރުގަދަ ކަމަށް ގަބޫލުކުރާ ނަމަވެސް، ފުޓުބޯޅައިގައި ގަބޫލުކުރަނީ ރަނގަޅު ޑިސިޕްލިން ގޭމަކަށް ތައްޔާރުވެގެން ރަނގަޅު މެޗެއް ކުޅިފިކަމަކްވާނަމަ ނަތީޖާ ހާސިލުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކަމަށެވެ. އިންމަ ބުނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރުވެސް އަނެއް ޓީމަށް ކޮންމެވެސް ފުރުސަތެއް އަބަދުވެސް އޮންނާނެކަމަށާއި، މެޗަށް ނުކުންނާނީ އެފުރުސަތުގެ ބޭނުން ހިފަން ތައްޔާރު ވެގެން ކަމަށެވެ.

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށިއިރު އެ ޓީމާ ހަވާލުވެ ހުރީ މިހާރު ސަސްގެ ކޯޗު އިންމައެވެ. އެފަހަރު އިންމަގެ ކޯޗުކަމުގައި މާޒިޔާއިން 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދާފައިވާ އިރު، އިންމަ މާޒިޔާ ދޫކޮށްލީ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ސީޒަން ފަހުކޮޅުގައި އިންމަ ދެވަނަ ފަހަރަށް މާޒިޔާއާ ހަވާލުވެ، 2018 ވަނަ އަހަރުގެ ސީޒަނުގައި އިންމަ ވަނީ އެޓީމަށް ކޯޗުކޮށްދީފައެވެ.

މާޒިޔާގެ ހިންގުމާއި، މާޒިޔާގެ ތަޖުރިބާތަކަށް ވިސްނާ، އިންމަ ޕްރެސްގައި ބުނީ އެޓީމުގެ ކޯޗަކަށް ހުންނަ މީހަކަށްވެސް އަބަދުވެސް "އެކްސްޕެކްޓޭޝަންސް" މަތިވާނެ ކަމަށާއި، ނަތީޖާ ނެރެން މަޖުބޫރު ވާނެ ކަމަށެވެ. މާޒިޔާއިން މާދަމާ ރޭ ސަސްއާ ދެކޮޅަށް ނުކުންނާނީ އެޓީމުން އެންމެފަހުން ޕްރެސިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެފައި އޮވެގެންނެވެ.

"އަޅުގަނޑުމެންނަކަށް ނެތް ޕްރެޝަރެއް. ރަނގަޅަށް ހިތްހަމަ ޖެހިލައިގެން ރަނގަޅު ޕާފޮމަންސެއް ކުރަން މި ނުކުންނަނީ. މާޒިޔާއަށް އޮތް ޕްރެޝަރެއްގެ ވާހަކަ ބުނާކަށް ނޭނގެ. އަބަދުވެސް މާޒިޔާގައި ނަތީޖާ ނެރެންް ޖެހޭނެ. ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ތިބޭ ޓީމެއްގައި އެކްސްޕެކްޓޭޝަން މަތިވާނެ. އެޓީމަކީ ވަރަށް އޯގަނައިޒްކޮށް މި ކަމަށް ހަރަދު ކޮށްގެން ހިންގާ ޓީމެއް. މޮޅެތި ކުޅުންތެރިންވެސް ތިބި ޓީމެއް. އެހެންވީމަ މާޒިޔާގައި ހުންނަ ކޮންމެ ކޯޗަކަށްވެސް ނަތީޖާ ނެރެން މަޖުބޫރުވާނެ،" އިންމަ ބުންޏެވެ.